Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.7 މިލިއަނަށް

މިއަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.7 މިލިއަނަށް އަރައިފި އެވެ.

ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 1،728،045 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 9.5 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމަށް ބަލާ އިރު، އެއް ވަނައިގައި އޮތީ ޗައިނާ އެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 243،628 އަށް އަރަ އެވެ. ދެވަނައިގައި ރަޝިއާ އޮތީ 193،197 ޓޫރިސްޓުންނާ އެކީގަ އެވެ. އިނގިރޭސިވިލާތް ތިން ވަނައިގައި އޮތީ 149،478 ޓޫރިސްޓުންނާ އެކީގަ އެވެ.

އެވަރެޖްކޮށް ރާއްޖޭގައި މިހާރު ފަތުރުވެރިން ހަފްތާއެއްގެ މުއްދަތަށް މަޑުކުރާއިރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރަނީ 5،468 ފަތުރުވެރިންނެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.