Last Updated: December 13, 22:19
Friday, December 13, 2024
ޚަބަރު

ކާބަން މަދުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ: ރައީސް

ކާބަން މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މޫސުމީ ބަދަލުތަކާބެހޭ އދގެ އިދާރާ (ޔޫއެންއެފްސީސީ) އިން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކޮންފަރަންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި، ޗައިނާގެ ޑެންގޯންގް ޕްރޮވިންސުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އިފްތިތާޙީ ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަޒަރުބައިޖާނުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ހަރަކާތުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި ޗައިނާ ސަރުކާރުން ފެހި އަދި ކާބަން މަދު ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ތިމާވެށީގެ މަސައްކަތްތަކަށް އެފަރާތްތަކުގެ އެއްބާރުލެއްވުން އަބަދުވެސް ލިބިވަޑައިގަންނަވާކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވަމުންދާއިރު، ކާބަން މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް، ތިމާވެށި ޙިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ޝިކާރައަކަށްވުމުގެ ބަދަލުގައި، ދެމެހެއްޓެނިވި މުސްތަޤްބަލެއްގެ ކަށަވަރުކަން ހޯދުމަށްޓަކައި ރާއްޖެއާއި، ރާއްޖެ ފަދަ ނާޒުކު ޙާލަތުގައިވާ އެހެނިހެން ޤައުމުތަކަކީވެސް ޙަރަކާތްތެރި ލީޑަރުންކަމުގައި ވުމަށް އަޒުމް ކަނޑައަޅާފައިވާ ޤައުމުތަކެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

ގިނަ ޤައުމުތަކެއް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ރާއްޖެއިން ބައިވެރިވުމަކީ، ކުދި ޖަޒީރާ ޤައުމުތަކުން ދެމެހެއްޓެނިވި އަދި ވިލުންވެރި މުސްތަޤްބަލެއް ބިނާކުރުމަށް މަސައްކަތްކުރާކަން ހަނދާންކޮށްދޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައިގައި ވަކާލާތުކޮށް އިސްނެގުމުގައި، ރާއްޖެއިން ލީޑަރޝިޕް ދައްކާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ދުރުވިސްނުމުގެ ތަޞައްވުރެއްގައި ޢަމަލުކުރައްވަމުން ގެންދަވާ، ލޯ-ކާބަން ސިޔާސަތުތަކުގެ ސަބަބުން، އަގުހުރި މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއިން މަސައްކަތް ކުރާނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ނަމޫނާއެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި އެވެ.