Last Updated: December 13, 22:19
Friday, December 13, 2024
ޚަބަރު

މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރާ ހަމައެއް ނޫން

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު މިދިޔަ އަހަރު ރައީސް މީޑިއާތަކާ ބައްދަލު ކުރައްވަން ބޭއްވި ނޫސްވެރިންގެ ގުންޒަރުގެ ތެރެއިން.

ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ. އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެމްބަރެއް ކަމަށްވާ، ތުޅާދޫ ދާއިރާގެ އަބްދުލްހަންނާނު އަބޫބަކުރު އެވެ.

އެ ބިލާއި މެދު ނޫސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، ރައީސް ވިދާޅުވީ ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ޤަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ. މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށް ވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ޙައްޤު އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމަށް ހުށަހެޅި ބިލްގައި ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި އާ ކޮމިޝަނެއް އުފައްދަން ހުށަހަޅާފަ އެވެ. އެ ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންނާއި މީޑިއާ އިން އިންތިހާބުކުރާ ތިން މެންބަރުންނެވެ. ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މި ބިލުގައި ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސެންސް ލިބިފައިވާ ފަރާތްތަކާއި ނޫސްތަކުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑަކާ ހިލާފުވެއްޖެ ނަމަ އެޅޭނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައިވެ އެވެ.

އެގޮތުން ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލްގައި ވެ އެވެ. މީޑިއާތަކުގެ އިތުރުން، ވަކިވަކި ނޫސްވެރިން ވެސް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބެ އެވެ.