Last Updated: December 13, 22:19
Friday, December 13, 2024
ޚަބަރު

ދުނިޔޭގެ ލީޑަރުންގެ ވައުދުތަކުން ނަތީޖާ ނެރެން ގޮވާލައްވައިފި

ދުނިޔޭގެ ލީޑަރުންގެ ވަޢުދުތައް، ނަތީޖާ ފެންނާނޭ ފަދަ ޢަމަލުތަކަކަށް ބަދަލުކުރެއްވުމަށް، ރައީސް މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.

ރައީސް މިކަމަށް ގޮވާލެއްވީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް)ގެ ފަރާތުން މޫސުމީ ބަދަލުތަކާ ގުޅޭގޮތުން އެކުވެރި ދައުލަތްތަކުގެ ފްރޭމްވޯް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި ބޭއްވި ލީޑަރުންގެ ސަމިޓުގައި އިއްވެވި ބަޔާނުގަ އެވެ.

ރައީސް ވިދާޅުވީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބޭނުންތައް ފުއްދައިދިނުމުގައި އަދުގެ މާލީ ނިޒާމު ނާކާމިޔާބު ވެފައިވާކަމަށާއި، މާލީ ވަޞީލަތްތައް ނެތި ތިބެ ހިފާ އަމާޒުތަކަކީ ހަމައެކަނި އުއްމީދުތަކެއް ކަމަށެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެތައް އަހަރެއްގެ ތަރައްޤީ ގެއްލިގެންދާ ކަމަށާއި އަދި، އަދުގެ މާލީ އޮނިގަނޑަކީ، ކުދި ޖަޒީރާ ޤައުމުތަކުގެ މުހިންމު ބޭނުންތައް ފުއްދައިދެވޭނޭގޮތަކަށް ފަރުމާކުރެވޭ އޮނިގަނޑެއްކަން ކަށަވަރުކުރުމަށް ތިން ކަމެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ. އެއީ:

1. އދ. އާއި، ބައިނަލްއަޤުވާމީ މާލީ މުވައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރުގެ ފުރިހަމަ އެހީތެރިކަން ލިބުމާއި،

2. މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ ގުޅޭ ދަރަނި މަޢާފުކޮށްދިނުމާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ މަސައްކަތަށް ދޭ ބަދަލުގެ ގޮތުގައި ކްރެޑިޓްވަރދިނަސް މާނަކުރާ ގޮތް ބަދަލުކުރުމާއި،

3. މޫސުމީ ބަދަލުތަކާ ގުޅޭ މާލިއްޔަތަށް ޚާއްޞަ، އަދި ސިޑްސްގެ ޙަޤީޤީ ބޭނުންތައް ތަމްސީލުވާފަދަ، ކުރިއަށްވުރެ ހަރުދަނާ، ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލް (އެންސީކިއުޑީ) ކަނޑައެޅުމަށާއި، ބައިނަލްއަޤުވާމީ ކާބަން މާކެޓް މެކޭނިޒަމާ ގުޅޭ މަޝްވަރާތައް ނިމުމަކަށް ގެނައުމެވެ.

މި ސަމިޓުގައި ރައީސް ވަނީ، ރާއްޖެއިން އަޅާފައިވާ ބަދަލުގެނުވަނިވި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، އިޤްތިޞާދީ އަދި ޙަޟާރީ ތަރައްޤީ އާއި ހަކަތަ އުފެއްދުންފަދަ ފިޔަވަޅުތައް ފާހަގަކުރެއްވި އެވެ.

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން މޫސުމީ ކަންކަމުގައި ފިޔަވަޅުތައް އެޅުމަށް އެދި އަޑުއުފުލާތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި ވަޢުދުތައް ޢަމަލީގޮތުން ދެއްކުމަށް ރައީސް ގޮވާލެއްވި އެވެ.