Last Updated: December 13, 22:19
Friday, December 13, 2024
ޚަބަރު

އެންމެ ޖަލްސާއަކުން ސަރުކާރު ގުޑައިފި: ޝާހިދު

އެމްޑީޕީން ބޭއްވި އެންމެ ޖަލްސާއަކުން ސަރުކާރު ވަރަށް ބޮޑަށް ގުޑައިފި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ އިސްވެރިން ހައްޔަރު ކުރަންޖެހޭ ކަމަށް މަޑަވެލީ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝަމީޒް ގޮވާލުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝާހިދު ވިދާޅުވީ އެމްޑީޕީން އެންމެ ޖަލްސާއެއް ބޭއްވި އިރަށް، އެ ޕާޓީގެ އިސްވެރިން ހައްޔަރުކުރަން ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި ގޮވާލަން ފަށާފައިވާ ކަަމަށެވެ.

"އަސްލު ވެސް ވަރަށް ބޮޑަށް ގުޑައިފި،" ޝާހިދު ވިދާޅުވި އެވެ.

ބަޖެޓް ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން ޝަމީލް ވިދާޅުވީ ކުރީގެ ސަރުކާރުން ރާއްޖޭގެ ފަޅުރަށްތަކާއި، ގިރިތަކާއި، ޗާގޯސް ވިއްކާލާފައިވާ ކަމަށެވެ. އެހެންވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް ޝާހިދުގެ އިތުރުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހައްޔަރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޝަމީޒު ވަނީ ކުރީގެ ސަރުކާރުން ކަނޑުފަޅާއި، ފަޅުރަށްތަކާއި، ގިރިތައް އެ ސަރުކާރުގެ ގާތް މީހުންނަށް ދީފައިވާ ކަމަށް ތުހުމަތުކޮށް ގާތްގަނޑަކަށް 50،000 އެއްހާ މެންބަރުން ތިބޭ އެމްޑީޕީގެ ފިކުރަކީ ނުރައްކާތެރި ފިކުރެއް ކަމަށް ވިދާޅުވެފަ އެވެ.

"މިއީ ދިވެހި ރައްޔިތުން ކުރިމަތީގައި ރޯމާ ދުވާލު ކުރި ވައްކަމެއް. މިކަން ކުރި މީހުން ހިފާ، ހައްޔަރު ކުރަން އަޅުގަނޑު ގޮވާލަން. އަބްދުﷲ ޝާހިދު ހައްޔަރު ކުރަންވީ. އިބްރާހިމް މުހައްމަދު ސޯލިހް ހައްޔަރު ކުރަންވީ،" އޭނަ ވިދާޅުވި އެވެ. "ފައްޔާޒް ހައްޔަރު ކުރަންވީ."