ބްރެޒިލްގެ ސުޕްރީމް ކޯޓަށް ހަމަލާދޭން އުޅުނު މީހަކު އޭނަ ގެންގުޅުނު ގޮވާތަކެތީގެ ސަބަބުން މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ރޭގެ މި ހާދިސާގައި އެ މީހާ މަރުވުމުގެ ކުރިން އޭނަ ސުޕްރީމް ކޯޓް އިމާރާތުގެ ކައިރީގައި ދެ ގޮވުމެއް ގޮއްވާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އޭނަ މަރުވީ ގެންގުޅުނު ގޮވާތަކެތީގެ ސަބަބުން ކަމަށާއި މި ހާދިސާހައި އިމާރާތަށާއި އިތުރު މީހަކަށް ވެސް ގެއްލުމެއް ނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
މިކަމާ ގުޅިގެން ސުޕްރީމް ކޯޓް ސަރަހައްދު ބަންދުކޮށް، ހަމަލާދޭން އުޅުނު މީހާ އަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ބްރެޒިލްގެ ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.

މި ހާދިސާ ކުށްވެރި ކުރައްވައި ބްރެޒިލްގެ ސޮލިސިޓާ ޖެނެރަލް ޖޯސޖް މެސިއަސް ވަނީ ހާދިސާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ގޮވާލައްވައިފަ އެވެ. އެގޮތުން މި ހަމަލާގެ މަގުސަދަކީ ކޮބައިތޯ ވީ އެންމެ އަވަހަކަށް ހޯދަން ޖެހޭ ކަމަށް އެކްސްގައި އޭނަ ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.
ބްރެޒިލްގެ ވެރިރަށް ބްރެޒީލިއާގެ ޑެޕިއުޓީ ގަވަރުނަރު ސެލީނާ ލިއާއޯ ވިދާޅުވީ ސުޕްރީމް ކޯޓަށް ހަމަލާ ދޭން އުޅުނު އެތަނުގެ ގޭޓުން ވަންނަން ވެސް މަސައްކަތްކޮށްފައިވާ ކަމަށާއި އޭނަ ގެންގުޅުނު ތަކެތި ގޮވީ އޭގެ ފަހުން ކަމަށެވެ.