Last Updated: June 10, 09:21
Wednesday, June 10, 2026
ޚަބަރު

5،000 ބިދޭސީން ޑީޕޯޓްކޮށްފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 5،000 އެއްހާ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

"ހަފުތާ 52" ގެ ނަމުގައި ރޭ ކުރިއަށް ބޭއްވި ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރަމުން އަންނަ ކަަމަށެވެ.
އެގޮތުން ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، ކުދި ވިޔަފާރިކުރާ ފަރާތްތަކަށް އުދަގޫކުރުމާ އަދި އެކި ކުށްތަަކަށް އަރައި ގަންނަ ބިދޭސީންނަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކޮށްފައިވާ ކަަމަށް ވިދާޅުވި އެވެ.

"ކުށްތަކަށް އަރައިގަންނަމުން އައި ބިދޭސީން އަޅުގަނޑުމެން ވާނީ ހިފައި ހައްޔަރުކޮށް، ސާޅީސް އަށްގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބޭރު ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައި،" އިހްސާން ވިދާޅުވި އެވެ. "އެ ނިޒާމުގެ ތެރެއިން ގާތްގަނޑަކަށް 5،000 އެއްހާ ބިދޭސީން މިހާރު ވާނީ ރާއްޖެއިން ބޭރުކުރެވިފައި."

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ މަސައްކަތް އެންމެ ބާރަށް ކުރިއަށް ގެންދަނީ މާލެ ސަރަހައްދުގަ އެވެ. އަދި މި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ އިމިގްރޭޝަމުންނެވެ.

އެތަނުން އޮތީ މި ސަރުކާރަށް މި މަހުގެ 17 ގައި އަހަރެއް ފުރޭ އިރު، 5،000 ބިދޭސީން ޑީޕޯޓްކުރަން ވެސް އަމާޒު ހިފައިފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ރާއްޖޭގެ 138 ރަށެއްގައި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން ހޯމްލޭންޑް މިނިސްޓްރީން މި އަހަރުގެ ޖޫން މަހު ފެށި އޮޕަރޭޝަން "ކުރަނގީ" ގެ ތެރެއިން 10،000 އަށް ވުރެ ގިނަ މީހުންގެ ޑޭޓާ މިހާތަނަށް ވަނީ ނަގައިފަ އެވެ.

ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފު ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި އެއްކޮށް ހައްލުކުރުމެވެ.