Last Updated: June 10, 09:21
Wednesday, June 10, 2026
ޚަބަރު

ވެރިކަމަށް އަހަރެއްވީ އިރު ކޮށްދެވުނު ކަމެއް ނެތް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އަހަރެއްވީ އިރު ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށް ދެވިފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ބައިވެރިއެއްގެ ގޮތުގައި އޮތް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ ނައިބު ރައީސް ސޯޝަލް މީޑިއާ ޕޯސްޓްތަކެއްގައި ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ނިމުނު އިރު ރައްޔިތުންނަށާއި ގައުމަށް އެއްކަމެއް ވެސް ނުކޮށްދެވޭ ކަމަށެވެ.

އޭގެ ބަދަލުގައި ޓެކްސް ދައްކަން ތިބި މީހުންނާ ދެކޮޅަށް ގަދަކަން ދައްކަނީ ރާއްޖެ ފިޔަވާ ދުނިޔޭގެ ކޮން ގައުމަކުންތޯ އައްބާސް ސުވާލު ކުރައްވާފައިވެ އެވެ. އޭނަ ވަނީ ރައީސް މުއިއްޒަކީ ބޮޑާ، ކިބުރުވެރިއެއް ކަމަށާއި އެ މަނިކުފާނުގެ ވައުދުތައް ނުފުއްދުމަކީ ރައްޔިތުންނާއި ޓެކްސް ދައްކާ މީހުންނާ ޖެއްސުމަށް ލިބޭ ހުއްޖަތޯ ވެސް ސުވާލު ކުރައްވައިފަ އެވެ.

"ތިމަން މަނިކުފާނު މިހުރީ ރައްޔިތުންގެ ފަޅީގައި ކަމަށް ބުނެ ރައްޔިތުން ބަނޑަށް ޖެހޭނެހާ ކަމެއް ކޮށް. ވިޔަފާރިވެރިންތައް އިނދަޖައްސާލުން ނޫން ކަމެއް ނުކުރޭ،" އައްބާސް ވިދާޅުވި އެވެ. "ރައްޔިތުންގެ ޓެކްސް ފައިސާއިން ހުއްޓުމެއް ނެތި ބޮޑެތި ވައްކަންތައް ކުރަމިން ދާއިރު ރައްޔިތުން އިންތިހާބުކުރި މެންބަރުން މަންމަނު ވެފަ ތިބުމަކީ ގައުމަށް ގައްދާރުވުން."

އޭނަ ވިދާޅުވީ މިފަދަ ސަބަބުތަކާ ހެދި ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި ކަންކަން ހަމައަކަށް އެޅި ރައްޔިތުން އެދޭ ގޮތަށް ރައީސް ވެރިކަން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ބިނާކުރަނިވި ފާޑުކިޔުންތަކާ އެކު ވެސް ރައްޔިތުންގެ ލާބަޔަށް ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރައްޔިތުން މަޖިލީހަށް މެންބަރުން އިންތިހާބުކުރީ އެކަކުގެ މުށުތެރެއަށް ހުރިހާ ބާރެއް ގެންގޮސް ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ ފުރުސަތު ދޭން ނޫންކަން މަޖިލިސް މެންބަރުން ވެސް ވިސްނަން ޖެހޭ ކަމަށެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް ރަސްމީކޮށް އަހަރެއް ފުރޭނީ މާދަމާ އެވެ. އެ މަނިކުފާނު ހުވާކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ 17 ގަ އެވެ.