މި އަހަރުގެ ތިންވަނަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމްޓީޑީސީ) އަށް ސާފު ފައިދާގެ ގޮތުގައި 5.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނީގެ މާލީ ބަޔާން ދައްކާ ގޮތުން ބަލާ އިރު ތިން ވަނަ ކުއާޓަރުގައި ވިޔަފާރި ހިންގައިގެން އާމްދަނީގެ ގޮތުގައި 1.3 މިލިއަން ޑޮލަރު ނުވަތަ 20.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހަރަދުތަކަށް ކެނޑުމަށް ފަހު ވިޔަފާރި ހިންގައިގެން 364،574 ޑޮލަރު ނުވަތަ 5.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއާ އެކީ، ޓެކްހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 6.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އަދި ޓެކްހަށް 60،403 ޑޮލަރު ކެނޑުމަށް ފަހު، ތިން ވަނަ ކުއާޓަރު އެމްޓީޑީސީ އަށް ސާފޔ ފައިދާގެ ގޮތުގައި 342،286 ޑޮލަރު ނުވަތަ 5.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެމްޓީޑީސީގެ ބެލެންޝީޓްގެ އުސްއަލިތަކަށް ބަލާއިރު، ވިޔަފާރިން އެހެން ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ދަށްވި ނަމަވެސް ސަރުކާރަށް އެކަނި ވެސް އަދިވެސް 102 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެ އެވެ. މީގެ އިތުރުން ވިޔަފާރިން އެހެން ފަރާތްތަކަށް ދައްކަން ޖެހޭ 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް އެބައޮތެވެ.
އެމްޓީޑީސީއަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި 36 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބައޮތެވެ.
ސަރުކާރާއި ރައްޔުތުން ހިއްސާވާ އެމްޓީޑީސީ އަކީ ޓޫރިޒަމްގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައި ދިނުމަށް 2006 ގައި އުފެއްދި ކުންފުންޏެކެވެ.