ބ.އޭދަފުށީގައި 1،000 ފްލެޓް އަޅަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ އެވެ.
މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްްވީ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ސައިނޯ ހައިޑްރޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު ޕެން ގުއާންޝޫ އެވެ.
މިއެއްބަސްވުމަކީ މި އަހަރުގެ މެއި 8 ގައި ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން އޭދަފުށީ ކައުންސިލާއި ހައުސިން މިނިސްޓްރީން ނޑައެޅިފައިވާ ސަރަހައްދަށް ޑިޒައިންކުރުމަށް ފަހު ޑީޓެއިލް ޕްރޮޕޯސަލް ހުށަހެޅުމާއެކު ސަރުކާރުން ކޮންޓްރެކްޓަރާ މަޝްވަރާކޮށްގެން އެއްބަސްވުމަކަށް އައި މަޝްރޫއެއް ކަމަށް މުއްޠަލިބު ވިދާޅުވި އެވެ.
އެގޮތުން އޭދަފުށީގައި 1،000 ފްލެޓް އިމާރާތް ކުރާނީ 15 ބުރީގެ 12 ޓަވަރު އެކުލެވޭ ގޮތަށެވެ. މި ޓަވަރުތަކުގައި ހުންނާނީ ދެ ކޮޓަރީގެ 772 ފްލެޓާއި ތިން ކޮޓަރީގެ 336 ފްލެޓެވެ.
މިނިސްޓްރީން ބުނީ 15 ބުރީގެ ޓަވަރުތަކެއް އަޅަން ނިންމީ އޭދަފުއްޓަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ ރަށަކަށްވާތީ އާއި ވާޓިކަލް ޑިވެލޮޕްމަންޓަކީ މުހިންމުކަމެއް ކަމަށް ގަބޫލްކުރެވިގެން ކަމަށެވެ.