މި ހަފުތާގައި މުޅި ރާއްޖެ އަށް ވެސް މޫސުން ގޯސްވެފައިވާ އިރު، މިއަދު ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ. އެއީ މެންދުރު ފަހު 1:00 އާ ހަމައަށެވެ. އެގޮތުން އެ ވަގުތާ ހަމައަށް އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރައ، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރަން ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފަ އެވެ.
މެޓުން ބުނީ މި ދުވަސްވަރަކީ ދެ މޫސުން ބެދޭ ދުވަަސްވަރު ކަމަށާއި އެހެންވެ އެކަމުގެ ސަބަބުން ވިއްސާރަ ކުރަމުންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށް އެތަނުން ބުންޏެވެ.