Last Updated: May 15, 20:12
Thursday, May 15, 2025
ޚަބަރު

ފެނާއި ނަރުދަމާގެ ޚިދުމަތުން އެދެވޭ ކުރިއެރުންތަކެއް

ފެނަކަ އިން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް - ފޮޓޯ: ޕީއެސްއެމް

ފެނާ ނަރުދަމާގެ ޚިދުމަތުން އެދެވޭ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފެނަކަ އިން ބުނެފި އެވެ.

ފެނަކަ އިން ބުނީ އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ މީހުން ދިރިއުޅޭ 98 ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މިވީ އަހަރެއްހާ ދުވަސް ތެރޭގައި އެކުންފުނިން ޚިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް އެދެވޭ ޚިދުމަތެއް ދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.

މިގޮތުން ފޯރުކޮށްދެމުން އަންނަ ފެނުގެ ޚިދުމަތަށް ބަލާލާއިރު، މި ވޭތުވެދިޔަ އެއްއަހަރު ތެރޭގައި މުޅިއަކު 5 ރަށެއްގައި ފެނުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ދުވާލެއްގެ މައްޗައް 564 ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ އާރްއޯ ޕްލާންޓް ގާއިމުކުރެވިފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.

އަދި މިދިޔަ އެއްއަހަރު ތެރޭގައި ރަށްރަށުގައި ޤާއިމުކޮށްފަވާ އައު ހައުސިން ޔުނިޓުތަކަށް ފެނާއި ނަރުދަމާގެ ޙިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށާއި މިގޮތުން ހދ.ނޮޅިވަރަންފަރު، ބ.ތުޅާދޫ އަދި ތ.ތިމަރަފުށީ ގައި މި މަސައްކަތް މިވަގުތު ވެސް ކުރިއަށް ދާއިރު، މި މަސައްކަތް މިއަހަރުގެ ނޮވެންބަރު މަސްތެރޭގައި ނިންމާލެވޭނެކަމަށް ވެސް ފެނަކަ އިން މައުލޫމާތުދެ އެވެ.

މީގެއިތުރުން މިދިޔަ އެއްއަހަރު ތެރޭގައި އިތުރު 21 ރަށެއްގައި ފެނުގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށާއި އަދި 4 ރަށެއްގައި ނަރުދަމާ ވަނީ އަލަށް ގާއިމުކޮށްފައި ކަމަށް ފެނަކަ އިން ބުނެ އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި، ދަތިތަކާއި ގޮންޖެހުންތަކާއި އެކުގައި ވެސް ފެނަކައިގެ މިހާރުގެ މެނޭޖުމަންޓުގެ އަމާޒަކީ އެކުންފުންޏަކީ މުސްތަގްބަލުގައި ފައިދާވާ ރައްޔިތުންނައް އެދެވޭ ޚިދުމަތެއް ފޯރުކޮށްދެވޭ ކުންފުންޏަކަށް ވެގެން ދިޔުމެވެ.