އަންނަ އަހަރުން ފެށިގެން މުވާސަލާތީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފަރާތްތަކުގެ އަތުން އިތުރު ފީއެއް ނެގުމަށް ނިންމައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނި މެނޭޖްކޮށް އާމްދަނީ އިތުރު ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ސިޔާސަތުތަކެއް ވަނީ ހިމަނާފަ އެވެ.
މި ސިޔާސަތުގެ އިތުރުން ރާއްޖޭގައި ފްރިކުއަންސީ ސްޕެކްޓްރަމް ހަރުދަނާ ކަމާ އެކު ބަލަހައްޓައި، ގައުމަށް އެކަމުގެ އެންމެ ފުރިހަމަ މަންފާ ލިބޭކަން ކަށަވަރު ކުރުމަށް ފްރިކުއަންސީ ސްޕެކްޓްރަމް ޗާޖެއް ނަގަން ފެށުމަށް ވަނީ ރާވާފަ އެވެ. ޓެލެކޮމް ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ސްޕެކްޓްރަމްއިން މި ފީ ނަގަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.
ސްޕެކްޓްރަމް ފީގެ އިތުރުން ފްރިކުއަންސީ ދޫކުރުމުގެ އުސޫލުތައް އިސްލާހުކޮށް ފްރިކުއަންސީ ފުރަތަމަ ގަންނައިރު އެއަށް އަގެއް ނުވަތަ އެކުއިޒިޝަން ފީއެއް ނެގުމަށް ވެސް ވަނީ ނިންމާފަ އެވެ.
އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވަނީ 40 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 29 ބިލިއަން ހޯދަން ކަނޑައަޅާފައިވަނީ ޓެކްސްގެ ގޮތުގަ އެވެ.