Last Updated: July 27, 11:42
Monday, July 27, 2026
ޚަބަރު

ސަރުކާރުގެ ފުރަތަމަ އަހަރަށް ދޭނީ ޔޫ ރިޕޯޓެއް

މި ސަރުކާރުގެ ފުރަތަމަ އަހަރަށް ދޭނީ ޔޫ ރިޕޯޓެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން "ޗެނަލް 13" އަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރުތެރޭ ރައްޔިތުންނަށް ލުއި ފަސޭހަ ލިބުނު ކަމެއް ނެތް ކަމަށާއި މިހާރު ދައްކަނީ ހުރިހާ ސަބްސިޑީތަކެއް ކަނޑާލާ ވާހަކަ ކަމަށްވާއިރު ކަރަންޓާއި ފެން ބިލުތައް ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ.

މަސްވެރިން ބާނާ މަސްކޮޅަށް ފައިސާ ލިބޭނެ ކަމެއްވެސް ނޭނގޭ ކަމަށާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއި މި ސަރުކާރާއި ދެމެދު މުގާބަލާ ކުރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. މި ސަރުކާރަށް އެއް އަހަރު ވެގެންދިޔައިރު ފަހުރުވެރިވާންވީ ވަރުގެ ކަމެއް ނެތް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ޔާމީން ވަނީ މި ސަރުކާރަށް އެއް އަހަރު ފުރުމާ ދިމާކޮށް އެމަނިކުފާނުގެ ސަރުކާރުގައި ޓާޝަރީ ފެންވަރަށް ތަރައްގީކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލު ރަސްމީކޮށް ހުޅުވުމުން އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އަދި ރިބަން ފަށެއް އެއްސުމަށް ފަހު މުންނާރު ވެސް އެގޮތަށް ހުޅުވަން ޔާމީން ގޮވާލެއްވި އެވެ.

މި ސަރުކާރުގެ ބޭފުޅުން ސަރުކާރަށް އޭ ރިޕޯޓެއް ދިން ނަމަވެސް ރައްޔިތުންނަށް އެކަން އެގޮތަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އެގޮތުން ރައްޔިތުންނަށް ދަތިވެފައި ހުރި އެއްވެސް ކަމަކަށް ހައްލެއް ސަރުކާރަށް ގެނެސްދެވިފައި ނުވާ ކަމަށާއި އަބަދުވެސް ލިބެމުން އަންނަނީ ކަންކަން ހައްލުވެދާނެ ކަމުގެ ސިގްނަލެއް ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އިސާހިތަކު އެކަން ވެސް ކުރިން އޮތް ހާލަތަށް ވުރެ ގޯސް ހާލަތަކަށް ބަދަލުވެގެންދާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަށް ހަމަ ދެވޭނީ ޔޫ އެއް. ވަރަށް ދެރަވޭ ޔޫ ދޭންޖެހޭތީ، އެކަމަކު އަޅުގަނޑަށް ހަމަ ދެވޭނީ ޔޫ. ނޫނީއްޔާ އުނބު ރިޕޯޓެއް،" ޔާމީން ވިދާޅުވި އެވެ.