އެއްވެސް މަޝްވަރާއެއް ވެސް ނެތި މިހާރުގެ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ގާނޫނުއަސާސީއަށް ގެންނަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އިސްލާހުތަކާއެކު ދައުލަތުގެ ތިން ބާރު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުށުތެރެއަށް ލައްވައިފި ކަމަށާއި އެ ހިސާބުން ފެށިގެން ރާއްޖެ އަށް ޑިމޮކްރަސީގެ އިރު އޮއްސިގެން ގޮސްފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ފޮރިން މިނިސްޓަރު ވިދާޚުވީ އިއްޔެ ފާސްކުރެވިގެން އެ ދިޔަ ގޮތަށް ގާނޫނުއަސާސީއަށް ކުއްލިއަކަށް އިސްލާހު ގެނައުމަކީ ޑިމޮކްރެޓިކް އެއްވެސް ހަމައަކުން ކަންކަން ކުރެވޭނެ ގޮތެއް ނޫން ކަމަށެވެ.
"އިއްތިފާގެއް ކަންނޭނގެ، އިއްޔެ ރައްޔިތުންގެ މަޖިލީހުން އެ ބަދަލު ގެންނެވިކަން، ވޯޓު ނަގައި އިއުލާނު ކުރެއްވި ވަގުތު އިއްތިފާގު ވެގެން ދިޔައީ އިއްޔެގެ އިރު އޮއްސި މަގުރިބު ނަމާދަށް ގޮވި ވަގުތާ،" ޝާހިދު ވިދާޅުވި އެވެ. "އަޅުގަނޑަށް ސިފަ ކުރެވުނީ އިރު އޮއްސިގެން އެ ދިޔައީ ހަމައެކަނި އިއްޔެގެ އިރެއް ނޫނޭ، ރާއްޖެއަށް ރާއްޖޭގެ ޑިމޮކްރެސީގެ އިރު ވެސް އޮއްސިގެން އެ ދިޔައީއޭ، އެ ރަމްޒުވެގެން އެ ދިޔައީ."
ގާނޫނުއަަސާސިއަށް އިއްޔެ ގެނައި އިސްލާހާ އެކު ދައުލަތުގެ ތިން ބާރު ވެސް މިހާރު އޮތީ ރައީސް މުއިއްޒުގެ މުށުތެރޭގައި ކަމަށް އޭނަ ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ މަޖިލީހުގެ އިތުރުން ސުޕްރީމް ކޯޓު ވެސް ރައީސްބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
"ހަމަ އެގޮތަށް އުއްތަމަ ފަނޑިޔާރާއި ނުވަތަ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ފަހު ވެސް ޕާޓީގެ ވިޕްލައިނެއް ނެރެ، އެ ޕާޓީގެ ވިޕް ލައިނާ ހިލާފުވާ ކޮންމެ މީހަކު ރައްޔިތުންގެ މަޖިލީހުން ކަނޑައިލައްވާނެކަމުގެ އިންޒާރު އިއްޔެ ގާނޫނުއަސާސީއަށް އެ ގެންނެވި ބަދަލުން ލިބިގެން ދިޔައީ،" އޭނަ ވިދާޅުވި އެވެ. "އެހެންވީމާ ސުޕްރީމް ކޯޓު މިހާރު އެ އޮތީ ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި."
އޭނަ ވިދާޅުވީ 2008 ގައި އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ މުޅި މަފުހޫމަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަންކަން ކުރުން ކަަމަށެވެ. އަދި 20 ވަނަ ޖިލީހުން އިއްޔެ އެ ފާސްކުރި އިސްލާހުތަކާ މެދު ވެސް ރައްޔިތުން ދެކޭ ގޮތް ބަލައި، ހިޔާލު ހުށަހެޅުމުގެ ފުރުަސަތު ފަހިކޮށްދޭން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ހަމައެކަނި އަދަދު ހަމަ ކުރެވޭތީ، ގާނޫނުއަސާސީއަށް ބަދަލު ގެނެވޭ ވަރަށް ތިމަންމެން އަތުގައި މެންބަރުން އެބަތިއްބޭ ގަބޫލު ކުރައްވައިގެން ކަން ބޭނުން ގޮތަކަށް ކޮށްލުން އެއީ ޑިމޮކްރެސީއެއް ނޫން، އިއްޔެ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެ ދެއްވަން ބޭނުންފުޅުވި މެސެޖަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގައި ކޮންމެ ކަމެއް، ހިތުހުރި ކޮންމެ ވަގުތެއްގައި ހިތުހުރި ކޮންމެ ގޮތަކަށް ތިމަން މަނިކުފާނު ކުރައްވަފާނެޔޭ." ޝާހިދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއިދާއެކު ގާނޫނުއަސާސީގެ ފަސް މާއްދާއަކަށް އިއްޔެ ބަދަލު ގެނެސްފައިވެ އެވެ.
މިކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.