ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމީ ދުނިޔޭގެ ރިކޯޑު ސްޕީޑެއްގައިތޯ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ސުވާލު އުފައްދަވައިފި އެވެ.
ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް އިއްޔެ ހެނދުނު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މި ބިލުގެ މަސައްކަތް އެންމެ ހަތަރު ގަޑިއިރުތެރޭ މަޖިލީހުން ވަނީ ނިންމާފަ އެވެ. އަދި މި ބިލު ރޭގެ ވަގުތެއްގައި ރައީސް ވަނީ ތަސްދީގު ކުރައްވާފަ އެވެ.
ގާނޫނު އަސާސީއަށް އަވަސް އަރުވާލައިގެން އިސްލާހުތަކެއް ގެނައުމާއި ގުޅިގެން މައުމޫން މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެއީ ދުނިޔޭގެ ރެކޯޑެއްތޯ ސުވާލު ކުރައްވާފަ އެވެ.
"ހަ ގަޑިއިރު ތެރޭގައި ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައި އިސްލާހު ފާސްކުރުން – ދުނިޔޭގެ ރިކޯޑެއްތޯ،" މައުމޫން ވިދާޅުވި އެވެ.
މަޖިލީހުން އިއްޔެ ގާނޫނު އަސާސީ އަށް ގެނައި އިސްލާހުތަކުގެ ތެރޭގައި މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުމާއި، ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުމުގެ އިތުރުން ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން ހިމެނެ އެވެ.