Last Updated: May 15, 20:12
Thursday, May 15, 2025
ޚަބަރު

އެމްޕީއެލްގައި ތަމްރީނުވާން ފުރުސަތު، އެލަވަންސަށް 5،000ރ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން އަންހެނުންނަށް ހާއްސަކޮށްގެން އެޕެރެންޓިސްޝިޕް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ މިއީ މިނިސްޓްރީ އޮފް ޔޫތު، އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި އެ ކުންފުންޏާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން ހަތް ދާއިރާތަކުން 18 ފަރާތެއް ތަމްރީންކުރުމަށް ވަނީ ނިންމާފަ އެވެ.

ތަމްރީނު ދޭން ނިންމާފައިވާ ދާއިރާތަކަކީ:

– ވެލްޑާ: 4 ޖާގަ
– ކާޕެންޓާ: 2 ޖާގަ
– މެރިން މެކޭނިކް (މެރިން އިންޖިނިއަރިން): 2 ޖާގަ
– މެޝިނިސްޓް: 2 ޖާގަ
– އިލެކްޓްރީޝަން (އިލެކްޓްރިކަލް އިންޖިނިއަރިން): 3 ޖާގަ
– މެކޭނިކް (ވެހިކަލް ރިޕެއާ): 2 ޖާގަ
– އެއާ ކޮންޑިޝަނިން އެންޑް ރެފްރިޖަރޭޝަން: 3 ޖާގަ

އެ ޕްރޮގްރާމްގައި ވެލްޑިންނާއި ކާފެންޓްރީން ތަމްރީން ހޯދުމަށް ހުށަހަޅާ ފަރާތްތަކަކީ ގްރޭޑް އަށެއް ނިންމާފައިވާ މީހަކަށް ވުމާއި އުުމުރުން 18-35 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހެ އެވެ.

އަދި ދެން ހުރި ދާއިރާތަކަށް ތަމްރީނަށް އެދި ހުށަހަޅާ ފަރާތަކީ ޖީސީއީ އޯލެވެލް އިމްތިހާނުން މަދުވެގެން ތިން މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ މީހަކަށް ވާންޖެހެ އެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ މީހަކަށް އެލަވެންސްގެ ގޮތުގައި މަހަކު 5،000ރ. ލިބޭނެ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އަންނަ ހަފުތާގެ އާދީއްޔަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ އެވެ.