Last Updated: July 27, 09:51
Monday, July 27, 2026
ޚަބަރު

ހެދީ ހުސް ދޮގު، ސިޔާސީ މަގާމުތައް އަދިވެސް ބަހަނީ

މެންބަރު މީކާއިލް އަހުމަދު ނަސީމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސިޔާސީ މަގާމުތައް މަދުކޮށްފި ކަމަށް ބުނެ ސަރުކާރުން ހެދީ ހުސް ދޮގު ކަމަށާއި އަދިވެސް ސިޔާސީ މަގާމުތައް ބަހަމުންދާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 228 ސިޔާސީ މަގާމު މަދުކޮށްފި ކަމަށް ބުނެ ސަރުކާރުން ހެދީ ހުސް ދޮގު ކަމަށެވެ. ޖުމްލަ ސިޔާސީ މަގާމުގެ އަދަދު ހާމަނުކުރާތާ، މިއަދުވެސް އަދި ފާއިތުވެދިޔަ ހަފްތާގައި ވެސް، ޑެޕިއުޓީ މިނިސްޓަރުކަން ހިމެނޭހެން، އިތުރު ސިޔާސީ މަގާމުތައް އެތައް ބަޔަކަށް ބަހާފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

ވަކިކުރި ކަމަށް ބުނާ ސިޔާސީ މުވައްޒަފުންގެ ތަފުސީލުތައް މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވި ނަމަވެސް، އެ ފިޔަވަޅު އެޅުމަށް ނިންމި ނިންމުން އިއުލާނުކުރެއްވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވަކިކުރާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން, އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށެވެ.

މި ބަދަލާއެކު މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް ބަލާނެ ނިޒާމެއް ގާއިމުކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިއީ އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލައި، ކުރުންތެރިކަން އިތުރު ކުރުމަށް ކުރާ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.