Last Updated: July 27, 09:51
Monday, July 27, 2026
ޚަބަރު

ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަށް ރައީސްގެ މަރުހަބާ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރުނު އަމުރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މި އަމުރު ނެރެފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމާއި ގުޅިގެންނެވެ. ނަތަންޔާހޫގެ އިތުރުން އޭނާގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޮއާވް ގަލާންޓް ހައްޔަރުކުރަން ވެސް އައިސީސީން ވަނީ އަމުރު ނެރެފަ އެވެ.

ރައީސް މުއިއްޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިސީސީގެ ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށާއި މިއީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކަށް ޒިންމާދާރުކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރާއްޖެއިން އައިސީސީގެ ނިންމުމަށް އިޙުތިރާމު ކުރާ ކަމަށާއި އެ ކޯޓުގެ ނިންމުން ތަންފީޒުކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި އެވެ.

އައިސީސީ އަކީ ގަތުލުއާންމުތަކާއި އިންސާނިއްޔަތާ ހިލާފު ކުށްތަކާއި ހަނގުރާމައިގެ ކުށްތައް އަދި ގައުމުތަކަށް ފިޔަވަޅު ނޭޅޭ ނުވަތަ އަޅަން ބޭނުން ނުވާ މައްސަލަތައް ބަލާ ކޯޓެކެވެ. އައިސީސީގެ މެމްބަރު ގައުމުތަކުގެ ގޮތުގައި 124 ގައުމު އޮވެ އެވެ. މީގެ ތެރޭގައި ރަޝިޔާ، ޗައިނާ، އިޒްރޭލު، އިންޑިއާ އަދި އެމެރިކާއެއް ނުހިމެނެ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 44،000 އަށް ވުރެ މައްޗަށް އަރާފަ އެވެ. ފާއިތުވި 24 ގަޑިއިރު އެކަނި ވެސް ގާޒާ އިން ވަނީ 71 މީހަކު ޝަހީދުކޮށްލާފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ވަނީ ގޮސްފަ އެވެ. އަދި ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.