Last Updated: July 27, 09:51
Monday, July 27, 2026
ޚަބަރު

ކުދި ވިޔަފާރިތަކުން ތަރައްގީގައި ވަނީ ބޮޑު ގުރުބާނީއެއް

ނައިބުރައިސް ހުސައިން މުހައްމަދު ލަތީފް- ފޮޓޯ: ރައީސް އޮފީސް

ކުދި ވިޔަފާރިތައް ހިންގާ ވިޔަފާރިވެރިން ތަރައްގީ ވަމުން އަންނަނީ ބޮޑު ގުރުބާނީއެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ ފަރާތުން އިންތިޒާމުކުރާ "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" އިފްތިތާހުކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އިޤުތިޞާދުގެ އެންމެ މައި މަސައްކަތްތަކާއި ދިރުންހުރި ޚިދުމަތުގެ ސަފުހާތަކުގެ ބޮޑު ބައެއް ލިޔެވެމުން އަންނަނީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މައްޗަށް ކަމަށެވެ.

އެ ވިޔަފާރިތަކަކީ ދިވެހި އިޤުތިޞާދުގެ ނާރެސް ކަމަށާއި، އެއީ، ވަޒީފާގެ ފުރުޞަތުތައް އުފެއްދުމާއި، އައު އީޖާދުތައް ކުރުމާއި، އިޤުތިޞާދީ ދުވެލި ހަލުވިކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިތައް ކަމަށް ވިދާޅުވި އެވެ. އަދި އެ ވިޔަފާރިތައް ހިންގަވާ ވިޔަފާރިވެރިންނަކީ މި މުޖުތަމަޢުގެ ތަރައްޤީއާއި، ދިރުމާއި، ކުރިއެރުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާ، ޤައުމީ ތަރައްޤީގައި ވަރަށް ބޮޑު ޤުރުބާނީއެއް ވެވަޑައިގަންނަވާ ޚިދުމަތްތެރީންތަކެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

‎ނައިބު ރައީސް ވިދާޅުވީ 21 ވަނަ ޤަރުނުގައި، ދިވެހިން ދެކެމުން އަންނަނީ ފަންނިއްޔާތުގެ އައު ކަންކަމާއި، ޑިޖިޓަލް މާކެޓުތަކާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ފަހި ފުރުޞަތުތަކެއް ކަމަށާއި މި ދާއިރާތަކުން ފަހި ނަތީޖާ ހާސިލްކޮށް ފުރިހަމަ ކާމިޔާބަށް ވާސިލްވުމަށްޓަކައި، ދިވެހި ވިޔަފާރިވެރިން އައު ހުނަރުތަކާއި އުކުޅުތައް ދަސްކޮށް، އޭގެ ބޭނުން ހިފަން ޖެހޭ ކަމަށެވެ.

އަދި ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އެގޮތުން މާލީ އެހީތެރިކަމާއި، ފަންނީ ތަމްރީނުތަކާއި، ޤާނޫނީ ލުއިތައް ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

‎މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" އިފްތިތާހުކޮށްދެއްވާފަ އެވެ.

މި އެވޯޑުގެ މަގުސަދަކީ، ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރުމުގައި ދިވެހި ވިޔަފާރިވެރިން އަދާކުރަމުންދާ ދައުރު ފާހަގަކޮށް، ޤައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރިތަކުން ހޯދާ ކަމިޔާބީތައް ފާހަގަކުރުމާއެކު، ޤައުމުގެ އުފެއްދުންތެރިކަމާއި، ހުނަރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖޭގެ ވިޔަފާރިތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ކުރިއަރުވައި މިސްރާބުކުރުމެވެ.