Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

'ވިނަރެސް' ޓަވަރުން ކޮމާޝަލް ޖާގަތަކަށް ހުޅުވާލަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން "ވިނަރެސް" މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުން އަންނަ 32 ހައުސިން ޓަވަރުގައި ހަދާ 127 ކޮމާޝަލް ޔުނިޓު ދޫކުރަން ތައްޔާރުވެއްޖެ އެވެ.

އެ ކުންފުނިން ބުނީ ޓަވަރުތަކުގައި ކޮމާޝަލް ޔުނިޓު ނުވަތަ ވިޔަފާރިކުރުމަށާއި އެހެނިހެން ބޭނުންތަކަށް ހާއްސަކޮށްފައި ހުންނަ ޖާގަތައް ހުންނާނީ ކޮންމެ ޓަވަރެއްގެ ވެސް އެންމެ ތިރީ ބަޔާއި ފުރަތަމަ ބުރީގައި ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 127 ޖާގަ ހުންނާނެ ކަމަށް މައުލޫމާތު ދެއެވެ.

އެ ޖާގަތައް ދޫކުރަން ނިންމާފައި ވަނީ ރީޓެއިލް ފިހާރަތާއި ސުޕަމާކެޓާއި ހައިޕަމާކެޓުގެ އިތުރުން ކެފޭ އާއި ރެސްޓޯރެންޓްތަކާއި ކްލިނިކްތަކާއި އޮފީސްތައް ހިންގުމަށެވެ. މީގެ އިތުރުބް ތަރުކާރީ އާއި މޭވާ ވިއްކާ މާރުކޭޓުތައް ވެސް ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެފްޑީސީން ބުންޏެވެ.

ކޮމާޝަލް ބޭނުމަށް ދޫކުރަނީ 580-6،200 އަކަފޫޓުގެ ޖާގަތަކެކެވެ. ޖާގަ ދޫކުރުމުގައި އެ ޖާގަ ބޭނުންކުރާ ކަމަކަށް ބަލައިގެން ޖާގަ އިތުރު ކުރެވޭނެ ފުރުސަތު ވެސް ދޭނެ ކަމަށް އެފްޑީސީން ބުންޏެވެ. އެފްޑީސީން ބުނީ އެ ޔުނިޓުތަކުގެ ދޫކުރުމުގައި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އިސްކަން ވެސް ދޭނެ ކަމަށެވެ.

އެފްޑީސީގެ އަމާޒަކީ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ޒަރޫރީ ބޭނުމަށް ގަންނަންޖެހޭ ތަކެތި ގަނެވޭ ފިހާރަތައް ޓަވަރުތަކުގައި ގާއިމުކުރުމެވެ.

"ވިނަރެސް" ޓަވަރުތަކުން 4،000 ފްލެޓް ދޫކުރަން ހަމަޖެހިފައިވެ އެވެ.