ސަލްމާން ޚާން ހިމަނައިގެން އިންޑިއާގެ މަޝްހޫތު ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދަން ނިންމާފައިވާ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ މި ވަގުތު ޓައިޓްލްއަކަށް "އޭ6" ބޭނުން ކުރަމުން އަންނަ މި ފިލްމަކީ ރީއިންކާނޭޝަން އަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ބޮޑު ބަޖެޓް ފެންޓަސީ ޑްރާމާއެއް ކަމަށެވެ. އެގޮތުން ފިލްމުގައި ސަލްމާންގެ ދެ ދައުރެއް ދައްކުވައި ދޭނެ އެވެ. މި ޒާތުގެ ތީމަކަށް ހެދި ފިލްމެއް 58 އަހަރުގެ އެކްޓަރު ކުރިން ވެސް ކުޅެފައިވެ އެވެ.
އެއީ އެކްޓަރު ރިތިކް ރޯޝަންގެ ބައްޕަ ރާކޭޝް ރޯޝަން 1995 ގައި ގެނެސްދިން "ކަރަން އަރުޖުން" އެވެ. އޭގެ ޓައިޓްލް ރޯލު ކުޅުނީ ސަލްމާނާއި ޝާހްރުކް ޚާނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެޓްލީއާ އެކީ ސަލްމާން މަސައްކަތްކުރާ ފުރަތަމަ ފިލްމުގެ ކާސްޓްގައި މަޝްހޫރު ސުޕަސްޓާރުން ކަމަށްވާ ރަޖްނީކާންތާއި ކަމަލް ހަސަން ވެސް ހިމެނޭނެ އެވެ. އަދި "އޭ6" ގެ އިތުރު ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މި އަހަރު ނިމުމުގެ ކުރިން ކާސްޓް އެއްކޮށް ފައިނަލް ކުރާނެ އެވެ.

އެޓްލީ އަކީ މިދިޔަ އަހަރު ޝާހްރުކްގެ "ޖަވާން" ގެނެސްދިން ޑައިރެކްޓަރެވެ.
ސަލްމާން މިހާރު އަންނަނީ އަންނަ އަހަރުގެ ފިތުރު އީދުގައިު ގެނެސްދޭން ހަމަޖެހިފައިވާ "ސިކަންދަރު" ގެ މަސައްކަތް ކުރަމުންނެވެ. އޭގެ ވެސް ޑައިރެކްޓަރަކީ ތަމަޅަ ޑައިރެކްޓަރެކެވެ. އެއީ އާމިރު ޚާންގެ 2008 ގެ "ގަޖިނީ" ގެނެސްދިން އޭއާރް މުރްގަދޯސް އެވެ.