Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ވައުދަށް ހުރުމަތްތެރިކޮށް ހިތުމަކީ ލާޒިމް ސިފައެއް

ވަޢުދަށް ޙުރުމަތްތެރިކޮށް ހިތުމާއި ކެތްތެރިވުން ފަދަ ސިފަތަކަކީ މިފަދަ ޒަމާނެއްގައި ކޮންމެހެން ތަބާވުން މުހިންމު ސިފަތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ފުވައްލުކުގެ ޒިކްރާ ކޮލެޖްގެ 2023-2024 ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ޝަރަފުވެރިކޮށް ދެއްވައި މިނިސްޓަރު ވިދާޅުވީ އިސްލާމް ދީނުގައި އިލްމާއި ތަރުބިޔަތަކީ ގުޅި ލާމެހިފައިވާ ދެ ކަންތައް ކަމަށެވެ.

ޝަހީމް ވިދާޅުވީ އިސްލާމް ދީނަކީ ހަމައެކަނި ފިޤުހީ މައްސަލަތަކެއް ނޫންކަމާއި އެ ދީނަކީ އިލްމާއި ކުރިއެރުންތަކުގެ ދީން ކަމަށާއި އިސްލާމީ ޙަޟާރަތަކީ އިލްމު އުނގެނުމަށް ގޮވައިލާފައިވާ ޙަޟާރަތެއް ކަމަށެވެ. އެގޮތުން މުސްލިމުންގެ ޙަޔާތުގައި ހޯދާ ކުރިއެރުންތަކުގައި ވަޙީގެ އަސަރު ހުންނަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ކިޔަވާ ކޮންމެ ދަރިވަރަކު ވެސް ދަސްވެނިވުމަށް ފަހު މުޖްތަމަޢަށް ޚިދުމަތްކުރަން ނިކުންނަން ވާނީ ﷲ ގެ ވަޖުހުފުޅު އެދިގެން ކަމަށާއި މީސްތަކުންނަށް އިޙުސާންތެރިވުމާއި ޚިދުމަތް ދިނުމުގައި މާއްދީ ފައިދާއެއް ހޯދުމުގެ މައްޗަށް ސަވާބާއި ދަރުމަ ހޯދުން އިސްކުރަން ޖެހޭނެ ކަމަށެވެ. އަދި ވަޢުދަށް ޙުރުމަތްތެރިކޮށް ހިތުމާއި ކެތްތެރިވުން ފަދަ ޒަމާނެއްގައި ކޮންމެހެން ތަބާވުން މުހިންމު ސިފަތަކެއް ކަމަށް ވިދާޅުވި އެވެ.

"އިސްލާމް ދީނުގައި އިލްމާއި ތަރުބިޔަތަކީ ގުޅި ލާމެހިފައިވާ ދެ އަސާސްކަމުން ދަސްވެނިވެގެން ނިކުންނަ އިރު އިސްލާމީ އަޚުލާޤުން އަޚުލާޤު ލިބިގަނެ ނަމޫނާ ބަޔަކަށް ވާން ޖެހޭނެ،" ޝަހީމް ވިދާޅުވި އެވެ. "މައިންބަފައިންނަށް އިޙުސާންތެރިވުމާއި އަވައްޓެރިންނާއި މެހުމާނުންނަށް ހެޔޮކޮށް ހިތުމާއި ހެޔޮ ބަސް ބުނުމަކީ ﷲ އަށްޓަކައި ދިރިއުޅޭ މީހުންގެ އަޚުލާޤު."

މިނިސްޓަރު ވިދާޅުވީ ވަޙީގެ މައްޗަށް ބިނާ ނުވާ ކޮންމެ ފިކުރަކާއި ތަރައްޤީ އަކާ ކުރިއެރުމެއް އިންދިރާސްވެދާނެ ކަމަށާއި ދެމިގެން ދާނެ ޙަޟާރަތަކީ ވަހީގެ މައްޗަށް ބިނާވާ ޙަޟާރަތް ކަމަށެވެ. އަދި އެއީ އިސްލާމީ ޙަޟާރަތު ކަމަށް ވިދާޅުވި އެވެ.