ގިނަ ދުވަސްތަކެއް ވަންދެން ޕްރޮފެޝަލްކޮށް ފުޓްބޯޅަ ކުޅުނު ޝަމްވީލް ގާސިމް ބޮންޑާ) އަނެއްކާ ވެސް ދަނޑަށް ނުކުމެ އޭނަގެ ހުނަރު ދައްކައިލަން ފަށައިފި އެވެ.
ގައުމީ ފެންވަރުގައި ކުޅުނު އައްޑޫ ހިތަދު އަށް ނިސްބަތްވާ ހުނަރުވެރިޔާ މި ފަހަރު އޭނަގެ ކުޅުން ދައްކައިލަނީ މިހާރު ކުރިއަށްދާ "ނައިންޓީ ޕްލަސް ގޯލްޑް ކަޕް" އެވެ. މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތުގައި ރޭ އައްޑޫ ކުޅުނު ފުރަތަމަ މެޗަށް ގަލޮޅު ދަނޑަށް ނުކުތް އިރު، ބޮންޑާ އަކީ އައްޑޫގެ ޓީމުގެ އެންމެ މުހިއްމު އެކެކެވެ. އޭނަ އަކީ ޓީމުގެ ކެޕްޓަން ވެސް މެ އެވެ.
ރޭގެ މެޗުގައި ޅ. ކުރެންދުއާ ދެކޮޅަށް އައްޑޫ ނުކުތް މެޗް ނިމުނީ 1-1 ލަނޑުން އެއްވަރުންވެގެންނެވެ.
އެ މެޗުގެ ދެވަނަ ހާފްގައި އައްޑޫން ލީޑު ނެގިއިރު، މެޗުގެ 68 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށް ދިނީ ހާޒިމް ފައުޒީ އެވެ. އެ ލަނޑު ކާމިޔާބުކުރީ ހާޒިމް ރިއްފަތު ހުރަސްކޮށް ދިން ބޯޅައަކުންނެވެ. ނަމަވެސް މެޗް ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ކުރެންދޫން ލަނޑެއް ޖަހައި އެއްވަރުކުރި އެވެ.
ހިލޭ ޖެހުމަކުން މި ލަނޑު ކާމިޔާބުކޮށް ދިނީ އެ ޓީމަށް ބެލްޖިއަމް މިޑްފީލްޑަރު ޖޯޑީ ބާޓް އެވެ.
އައްޑޫ ޓީމްގައި ބޮންޑާއާ އެކީ ތަޖުރިބާކާރު އިތުރު ކުޅުންތެރިންތަކެއް ވެސް ހިމެނޭކަން ފާހަގަކޮށްލެވެ އެވެ. އޭގެ ތެރޭގައި ކުރިން ފުރަތަމަ ޑިވުޝަނަށް ކުޅެފައިވާ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އާއި އަލީ ނާފިއު ހިމެނެ އެވެ.
ކުރިން ކުޅޫނު ގޮތަށް ފުޓްބޯޅަ ނުކުޅު ނަމަވެސް ބޮންޑާ އަކީ އައްޑޫގައި ބާއްވާ އެކިއެކި މުބާރާތްތަކުގައި އާންމުކޮށް ކުޅޭ ކުޅުންތެރިއެއްކަން ފާހަގަކޮށްލެވެ އެވެ.
މި ފަހަރުގެ ގޯލްޑް ކަޕްގައި 17 ޓީމެއް ވާދަކުރެ އެވެ. މުބާރާތް ކުރިއަށް ގެންދަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.
މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ފުވައްމުލަކާއި ދ. ކުޑަހުވަދު އާއި، ގދ. ފަރެސްމާތޮޑާ އާއި ދ. މީދު އަދި ހއ. ދިއްދު އެވެ. ގުރޫޕް ބީގައި ހިމެނެނީ މާލެ އާއި ތ. ތިމަރަފުއްޓާއި، ބ. އޭދަފުއްޓާއި ބ. ތުޅާދު އެވެ. ގުރޫޕް ސީގައި އައްޑު އާއި ކުރެންދު އާއި ކ. ހުރާ އަދި ކ. ގުރައިދު އެވެ. އަދި ގުރޫޕް ޑީގައި ހިމެނެނީ ޅ. ނައިފަރާއި، ކ. މާފުއްޓާއި، ރ. އަލިފުށި ބ. ކެންދު އެވެ.
މި މަހުގެ 20 ގައި ފެށި މުބާރާތް އަންނަ މަހުގެ 25 އާ ހަމައަށް ކުރިއަށް ދާނެ އެވެ.