މިދިޔަ ސެޕްޓެމްބަރު މަހު އޮލިމްޕަހުގައި ދެއްކި ފިލްމު "ރޮބޯމޭން: ދަ މޫވީ" މީޑިއާނެޓަށް ދޫކޮށްލައިފި އެވެ.
އެ ކުންފުނީގެ ސްޓްރީމިން ޕްލެޓްފޯމް އެމްއެސް ވީޑިއޯކުލަބުން ފިލްމު ޕްރީމިއާކުރީ ބުރާސްފަތީގަ އެވެ. ސެޕްޓެމްބަރު މަހުގެ 26 ގައި އޮލިމްޕަހުގައި ޕްރީމިއާކުރި "ރޮބޯމޭން؛ ދަ މޫވީ" ގެ ޝޯތަކެއް ސްވެކް ސިނަމާގެ އިތުރުން ބައެއް ރަށްރަށުގައި ވެސް ދައްކާލައިފި އެވެ.
ކުޑަކުދިންނަށް ހާއްސަ މި ފިލްމަކީ ކުޑަކުދިންގެ މެދުގައި މަގުބޫލު ކެރެކްޓާއެެއް ކަމަށްވާ ރޮބޯމޭން ހިމަނައިގެން އަދި ނެށުމުގެ މުބާރާތެއް ކާމިޔާބުކުރަން ކުޑަ ދެ އަންހެން ކުއްޖަކު ކުރާ ބުރަ މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމެކެވެ.
މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް އިބްރާހީމް ވިސާން (ކަނޑި) ޑައިރެކްޓްކުރި "ރޮބޯމޭން: ދަ މޫވީ" އިން އާ މޫނުތަކެއް ވެސް ފެނިގެންދާ އިރު، ފިލްމުގެ ކާސްޓްގައި މަޝްހޫރު ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި ރަވީ ފާރޫގް ވެސް ހިމެނެ އެވެ.