Last Updated: May 15, 20:12
Thursday, May 15, 2025
ޚަބަރު

މިހާރު އަމާޒަކީ 100،000 މެމްބަރުން ހަމަކުރުން: ޕީއެންސީ

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މިހާރުގެ އަމާޒަކީ މެންބަރުންގެ އަދަދު 100،000 އަށް އެރުވުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ކަންކަން ބައްލަވާ ލައްވަން މާލޭގައި ކުރެއްވި ޒިޔާރަތުގެ ތެރެއިން މީޑިއާތަކާ ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ވިދާޅުވީ މިހާރު ވެސް ޕާޓީ އަށް 96،000 ލިބިފައިވާ ކަމަށެވެ.

"އޭގެ ތެރެއިން ދަފުތަރު ކުރެވިފައި އެބަވޭ 75،000 އަށް ވުރެ ގިނަ މެންބަރުން. އިލެކްޝަންސް ކޮމިޝަންގެ ޕްރޮސެސް ތެރެއިން އިތުރުވަމުން ދަނީ ހަފުތާއަކުން ހަފުތާއަކުން،" އޭނަ ވިދާޅުވި އެވެ. "ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި 100،000 މެންބަރުންނާއެކު ހަރަކާތްތެރިވާ ފުރަތަމަ ސިޔާސީ ޕާޓީއަށް ޕީއެންސީ ވާނެ."

އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއަށް ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ޢަދަދެއްގެ މެންބަރުން ސޮއިކުރުމަކީ ޕާޓީ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެ ޕާޓީ ހިންގުން ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެގޮތުން މިހާރު އެޕާޓީ އަށް ލިބެމުންދާ ކާމިޔާބީތަކުން އެނގިގެންދަނީ ރައްޔިތުން ރައީސް އަދި ޕާޓީގެ ސިޔާސަތުތައް ބަލައިގަނެފައިވާކަން." އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ޕީއެންސީ ވެރިކަމަށް އައިރު ޕާޓީގައި ތިބީ އެންމެ 3،022 މެންބަރުން ކަމަށެވެ. ނަމަވެސް މިހާރު މެމްބަރުންގެ އަދަދު ލައްކައަކާ ގާތްކޮށްފައި ވަނީ ރައީސްގެ ސިޔާސަތު ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަތުމުން ކަަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއީ ޕާޓީ ހިންގުމުގައި އެ މަނިކުފާނު ގެންގުޅުއްވާ އުސޫލްތައް ހަރުދަނާވުމުގެ ނަތީޖާ. އޭނަ ވިދާޅުވި އެވެ.