Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ކަންބޮޑުވުންތައް އަޑުއަހަން އެމްޑީޕީން މަސްވެރިންގެ ގާތަށް

މަސްވެރިންގެ ކަންބޮޑުވުންތަކުގެ އަޑުއަހަން އެމްޑީޕީގެ އިސްވެރިން މަސްމާރުކޭޓު ސަރަޙައްދަށް ޒިޔާރަތްކޮށް މަސްވެރިންނާ ބައްދަލުކޮށްފި އެވެ.

އެމްޑީޕީން ބުނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި ޕާޓީގެ އިސް ބޭފުޅުންގެ ޓީމެއް މާރުކޭޓް ސަރަހައްދުގައި މަސްވެރިންނާ ބައްދަލުކޮށް ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.

މަސްވެރިންނަށް ވެފައިވާ ވައުދުތައް މި ސަރުކާރުން ނުފުއްދާތީ ގިނަ ކަންބޮޑުވުންތަކެއް މަސްވެރިން ފާޅުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.

މި ސަރުކާރު އައި ފަހުން މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުން ޖަމާނުކޮށްގެން ދެ ފަހަރެއްގެ މަތިން މުޒާހަރާ ކުރި އެވެ.

މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބޭ މައްސަލަ ބޮޑުވެފައިވާއިރު، މިފްކޯއިން ބުނީ މިހާރު މަސްވެރިންނަށް ދޭން ޖެހޭ ރުފިޔާގެ އަދަދަކީ 32 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެ ފައިސާ އަންނަ ހަފުތާގެ ތެރޭގައި ދައްކަން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ސަރުކާރު އައި ފަހުން ކިރުވި މަހަށް މަސްވެރިންނަށް އެކި ފަހަރު މަތިން ބިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވެ އެވެ.

މި ސަރުކާރު ވެރިކަމަށް އައި އިރު، ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ވައުދު ފުއްދުމުގެ އަމާޒަށް ވާސިލުވުމަށް މިދިޔަ އެއް އަހަރުތެރޭ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.