Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ފައްޔާޒު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަނީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ނިންމަވައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަކަށް ފައްޔާޒު މިއަދު ފޮނުއްވި މެސެޖެއްގައި ވަނީ 2028ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ. އެ ކަމުގައި އޭނާއަށް ތާއީދުކޮށްދެއްވުމަށް ވެސް ފައްޔާޒު އެދިވަޑައިގެންނެވި އެވެ.

ފައްޔާޒު މިދިޔަ ހަފްތަގައި 'އަދަދު' އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ރާއްޖޭގެ ވެރިކަން ކުރުމުގެ ޝައުގުވެރިން އެބަހުރި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ވަކި ގޮތެއް އަދި ނުނިންމަވާ ކަމަށް ފައްޔާޒު އޭރު ވިދާޅުވި އެވެ.

ފައްޔާޒުގެ އިތުރުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން މަސައްކަތް ކުރައްވާ ކަމުގެ އަޑުތައް އިވެ އެވެ.