Last Updated: July 8, 18:21
Tuesday, July 8, 2025
ޚަބަރު

ޔާމީން އިންތިހާބުގައި ވާދަކުރުމަކީ ކަންބޮޑުވާ ކަމެއް ނޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އަބްދުއްރަހީމް އަބްދުﷲ- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރެއްވުމަކީ ކަންބޮޑުވާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ދާދިފަހުން ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ ޖަލަށް ވަޑައިގަންނަވަން ނުޖެހި، ސަލާމަތުން ހުންނެވުމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޕީއެންސީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުލްރަހީމް ވިދާޅުވީ ވެރިކަމަށް ކުރިމަތިލުމަކީ އެކަމަށް ޝަރުތު ފުރިހަމަވާ ކޮންމެ މީހަކަށް ވެސް އޮތް ހައްގެއް ކަމަށާއި ޔާމީނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެއްވެސް އަނެއްހެން ކަންބޮޑުވުމެއް ނެތް ރައީސް ޔާމީން ކުރިމަތިލެއްވުމަކުންނެއް،" އަބްދުލްރަހީމް ވިދާޅުވި އެވެ.

ޔާމީން ނިކުންނެވުމަކީ ޕީއެންސީ އަށް އޮތް ގޮންޖެހުމެއްތޯ ސުވާލު ކުރުމުން އަބްދުލްރަހީމް ވިދާޅުވީ މި ވެރިކަމުގައި ބާކީ އަދި ހަތަރު އަހަރު އެބައޮތް ކަމަށާއި އެ ސުވާލަށް ޖަވާބުދޭން އަދި މާ އަވަސް ކަމަށެވެ. އެގޮތުން ނޭނގި ތިއްބާ ސިޔާސީ މަސްރަހު ބަދަލުވެގެން ގޮސްދާނެ ކަމަށާއި ނަމަވެސް ފަސް އަހަރަށް ފަހު ދެން އޮންނަ ރިޔާސީ އިންތިހާބަށް ނިކުންނައިރު މިހާރަށް ވުރެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު ބޮޑުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިިއރު ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ކޯޓުތަކުގައި އެބަހުއްޓެވެ.