މި ސަރުކާރު އައި ފަހުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ހިންގުމަށް ގެނައި އިސްލާހީ ބަދަލުތަކާ އެކީ މިހާރު މަހެއްގެ މައްޗަށް ކުންފުނީގެ ހަރަދުތައް 20 މިލިއަން ރުފިޔާ އަށް ދަށްކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ މިދިޔަ ސަރުކާރުގައި އާރުޑީސީއަކީ ޚަރަދުތައް އިންތިހާ އަށް ބޮޑު ކުންފުންޏެއް ކަމަށެވެ. އެގޮތުން އާމްދަނީއާ ނުބައްދަލު މިންވަރަށް ޚަރަދުތައް މަތި ކަމަށް ވިދާޅުވި އެވެ.
ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް އާރްޑީސީ އަށް ގެންނަން ފެށި އިސްލާހީ ބަދަލުތަކާ އެކީ މިހާރު އެ ކުންފުނިން މަހެއްގެ މައްޗަށް ކުރާ ހަރަދު 18-20 މިލިއަނަށް ދަށް ކުރެވިފައިވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
އޭނަ ދާޅުވީ ކުންފުންޏާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވެސް މަސައްކަތް ފެއްތެވީ ކުންފުނި އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލު ކުރެވޭނެ ގޮތްތަކެއް ހޯދަން ކަމަށެވެ. އެގޮތުން ކުންފުނީގެ ބޯޑާއި ޕީސީބީއާ މަޝްވަރާކުރެވިގެން އާރްޑީސީ ރިޕޯމްކުރަން ފެށުނު ކަމަށް ވިދާޅުވި އެވެ.
އެގޮތުން މިހާތަނަށް ކުރެވުނު އެންމެ މުހިންމު އެ އްކަމަކީ ހިންގުމުގެ ޚަރަދު ކުޑަކުރެވި ކަމަށާއި ކުންފުންޏަށް ތަކެތި ގަންނާނެ ވަކި އަގުތަކެއް ކަނޑައެޅިގެން ދިޔުން ކަމަށް ޒުހައިރު ވިދާޅުވިއެވެ.
"އެގޮތުން މަސައްކަތްކޮށްގެން އަޅުގަނޑުމެންނަށް ޚަރަދު ވަރަށް ބޮޑުތަނެއް ކުޑަކުރެވުނު. މަހެއްގެ މައްޗަށް ކުރާ ޚަރަދުގެ އަށާރަ އާއި ވިހި މިލިއަނާ ދެމެދު ޚަރަދު އަޅުގަނޑުމެންނަށް މަހެއްގެ މައްޗަށް ކުޑަކުރެވިގެން ދިޔަ." އޭނަ ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ ކުންފުނީގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނަށް އިތުރު ގަޑި ލިބޭ ގޮތުގެ ކޮންޓްރޯލް މެކޭނިޒަމެއް މިހާރު އޮތީ ކަނޑައެޅިފައި ކަމަށެވެ. އަދި އާރްޑީސީ އަކީ ރަސްމީކޮށް ހަ ދުވަހު މަސައްކަތްކުރާ ކުންފުންޏަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ހުއްޓިފައި އޮތް އާރްޑީސީގެ 17 ޕްރޮޖެކްޓެއް މިހާރު ކުރިއަށް އެބަދެ އެވެ. އަދި އިތުރު 10 ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިި އެވެ.