އައްޑޫ ހިތަދޫ ނޫރާނީ ސްކޫލުގެ ދަރިވަރުންނަށް އަލިފާނަށް ހޭލުންތެރި ކުރުވުމުގެ ސެޝަނެއް ބާއްވައިފި އެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓަރުގައި އިއްޔެ ކުރިއަށް ގެންދިޔަ ސެޝަންގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވި އާއި ފަޔަ ބްލޭންކެޓް ބޭނުން ކުރާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައި ދީފައިވެ އެވެ. އަދި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ޢަމަލު ކުރަންވީ ގޮތުގެ މަޢުލޫމާތާއި ފަޔަރ ބްލޭންކެޓް އަދި އަލިފާން ނިވި ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ދަސްކޮށް ވެސް ދީފައިވެ އެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ހިތަދޫ ފަޔަ ސްޓޭޝަންގެ ފަޔަ ފައިޓަރުން ހަރަކާތްތެރިވި ސެޝަންގައި، ނޫރާނީ ސްކޫލުގެ ސްކައުޓް، ކަބް ސްކައުޓް، ކެޑޭޓް، ގާލްގައިޑް އަދި ލިޑްލްމެއިޑް ހިމެނެހޭން 82 ދަރިވަރަކު ބައިވެރިވި އެވެ.

އެމްއެންޑީއެފުން މިހާތަނަށް ވަރަށް ގިނަ ސްކޫލްތަކާއި ކުންފުނިތަކާއި އޮފީސްތަކާއި އާންމުންނަށް ވެސް އަލިފާނާ ގުޅޭ ސެޝަންތަކެއް ހިންގާފައިވެ އެވެ.