މާލޭގައި ފުރުގާން މިސްކިތަށް ގެއްލުންތަކެއް ދީފި އެވެ.
އެ މިސްކިތަށް ގެއްލުން ދީފައި ވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގަ އެވެ.
ގެއްލުންތަކުގެ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. ވީޑިއޯތަކުން ފެންނަ ގޮތުން މިސްކިތުގެ މިހުރާބުގައި ހުރި ބައެއް ކަރަންޓު ބޯޑުތަކާއި ވުޟޫކުރާ ސަރަހައްދުގައި ހުރި އިސްކުރުތަކަށް ވެސް ގެއްލުން ދީފައިވާ ތަން ފެނެ އެވެ.
އެ ވީޑިއޯތައް ހިއްސާ ކުރައްވައި ދީނީ ޝެއިހް އާދަމް ނިޝާން ވިދާޅުުވީ އެކަން ކޮށްފައި ވަނީ މިސްކިތުގައި އަބަދުހެން ނިދާފައި އޮންނަ ޒުވާނެއް ކަމަށެވެ. އަދި މީގެ ކުރިން ވެސް އެތައް ފަހަރަކު އެ ޒުވާނާ މިސްކިތަށް ގެއްލުން ދީފައިވާ ކަމަށް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ފުރުގާން މިސްކިތަށް ގެއްލުން ދިން މައްސަލަ ހުށަހަޅާފައިވާތީ އެކަން މިހާރު އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
ފަހަކަށް އައިސް މާލޭގެ މިސްކިތްތަކަށް ގެއްލުން ދިނުމާއި މިސްކިތްތަކުން ވައްކަން ކުރުން ވެސް ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ. އެގޮތުން މިސްކިތުން ފަންކާ އާއި ބޮތްކާއި ފެންމޯޓަރާއި ކަރަންޓް ނަރު ބުރިކޮށްގެން ނެގުން ފަދަ މައްސަލަތައް ފެންމަތިވެފައިވެ އެވެ.