Last Updated: May 12, 23:01
Monday, May 12, 2025
ޚަބަރު

ގޮނޑި ގެއްލޭ އިސްލާހު ބާތިލު ކުރަން ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ.

އޭނާ ވިދާޅުވީ،ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާ އާއި އަށްވަނަ މާއްދާ އާއި 26 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އެ އަދި އެއީ،ގާނޫނުއަސާސީގެ އަސާސީ އޮނނިގަނޑާ ވެސް ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން ހުށަހެޅީ މިދިޔަ ބުދަ ދުވަހެވެ. ހަމަ އެ ދުވަހު އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް، އެ ދުވަހުގެ ހަވީރު ތަޅުމުން ފާސްކޮށްފައިވެ އެވެ. އަދި އެ ދުވަހުގެ އިރާކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގު ކުރައްވައިފަ އެވެ.

މިިކަމާ ގުޅިގެން މިހާރު ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.