Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

'ކޮކްޓެއިލް 2' ޝާހިދަށް

ސައިފް އަލީ ޚާން ބަތަލުގެ ރޯލު ކުޅުނު ކާމިޔާބު ރޮމޭންޓިކް ކޮމެޑީ "ކޮކްޓެއިލް" ދެވަނަ ބައި ޝާހިދު ކަޕޫރާ އެކީ ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕީޕިން މޫން އިން ބުނެފައިވާ ގޮތުގައި އެ ފިލްމު ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް މިހާރު އަންނަނީ "ކޮކްޓެއިލް 2" ގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސިކުނޑީގައި ޝާހިދު ބައިންދަައިގެން ސްކްރީންޕްލޭ ލިޔަމުން އަންނަ އިރު، އޭނަ ފިލްމަށް ފެހި ސިގްނަލް ވެސް ދީފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.

ޕީޕިން މޫން އިން ބުނި ގޮތުގައި 2012 ގެ "ކޮކްޓެއިލް" އާ އެއްގޮތަށް ދެވަނަ ބައިގައި ވެސް ދެ ބަތަލާއަކު ހިމެނޭނެ އެވެ. ސައިފާ އެކީ ދީޕިކާ ޕަދްކޯނާއި އަލަށް ތައާރަފުކުރި ބަތަލާ ޑަޔާނާ ޕެންޓީ ކުޅުނު ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ "ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" ގެ އިތުރުން "ރޮކްސްޓާ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން އިމްތިއާޒް އަލީ އާއި އޭނަގެ ކޮއްކޮ ސާޖިދު އަލީ އެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު "ކޮކްޓެއިލް" ޑައިރެކްޓްކުރީ ހޯމީ އަދަޖާނިއާ އެވެ. އޭނަގެ އެންމެ ފިލްމަކީ މިދިޔަ އަހަރު "މާޑާ މުބާރާކް" އެވެ.

"ކޮކްޓެއިލް 2" ގެ ވާހަކަ މީޑިއާތަކުގައި މިހާރު ދެކެވެމުން ދިޔަ ނަމަވެސް މިއާ ބެހޭ ގޮތުން މެޑޮކް އިން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ. މީގެ ބަތަލަކީ ޝާހިދު ކަމަށް ބުނާ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ މެޑޮކް އިން މި އަހަރުގެ ފެބްރުއަރީގައި ގެނެސްދިން "ތޭރޭ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އެވެ.