އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އޭސީ) ގެ މެންބަރުންތަކެއް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.
ސިއްރުކޮށްގެން ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މަގާމުން ވަކިކުރަން ފާސްކުރީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި މެންބަރު ތޯހާ މުހައްމަދުގެ އިތުރުން އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރުން ކަމަށްވާ ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު ވަކިކުރުމުގެ މައްސަލަ ވެސް މިއަދު ބެލި ނަމަވެސް ކޮމިޓީން ނިންމީ އޭނަ ވަކިނުކުރުމަށެވެ.
އީސީގެ ނައިބު ރައީސާއި މެންބަރުންތަކެއް ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިދިޔަ މަހުގެ 22 ގައި މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. އެކަމަކު ތުހުމަތުތަކަކީ ކޮބައި ކަމެއް ސާފެއް ނޫނެވެ. ކަމެއް ނޭނގެ އެވެ.
އޭސީސީގެ ނައިބު ރައީސް އަބްދުއްސަލަމާ ތޯހާ ވަކިކުރަން ހުށަހެޅީ އޭސީސީގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. އަދި ށ. އާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ލިބިފައިވާ ދެ މައްސަލައަކާ ގުޅިގެންނެވެ.
މި ތިން މައްސަލަ ވެސް ދިރާސާކުރާނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.
ބެލެވޭ ގޮތުން ވަކިިކުރަން ކޮމިޓީން ފާސްކުރު މެންބަރުންގެ މައްސަލަ އަށް މާދަމާގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ.