Last Updated: June 28, 06:07
Sunday, June 28, 2026
ރިޕޯޓް

2018ގެ އިންތިހާބްގައި ނަޝީދަށް ވާދަކުރުމުގެ ފުރުސަތު ހަނިވަނީ!

ރާއްޖޭގެ ރައީސުލް ޖުމްހުރިޔާގެ މަގާމަށް 2018 ވަނަ އަހަރުގެ އިންތިހާބްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވެއްޖެއެވެ.

ޓެރަރިޒަމް ދައުވާ ސާބިތުކޮށް ނަޝީދު 13 އަހަރަށް ޖަލަށް ލެވިފައިވާ އިރު އެމަނިކުފާންގެ ބަންދުން ދޫކޮށްލާނެކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެވާހަކަތައް އެންމެ ހަރު އަޑުން ދައްކަނީ އެމްޑީޕީންނެވެ.

"ހަމަ އާއި އިންސާފުން" އެއްކިބާވެ ކުރެވުނު ޝަރީއަތަކުން ޖަލު ގޮޅިގައި ހުންނެވި ރައީސް ނަޝީދު އާއި އެމަނިކުފާންގެ އެންމެހާ ސަޕޯޓަރުން ބޭނުންވަނީ 2018ގެ އިންތިހާބް ކަރުދާސް ކޮޅުގައި ނަޝީދުގެ ނަން އޮތުމެވެ.

އެހެންވެ އެމްޑީޕީން މިދަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ނަޝީދު މިނިވަން ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

އަނެއް ކޮޅުން ނަޝީދުގެ ނަން އިންތިހާބް ކަރުދާހުގައި ނުހިމެނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން މިދަނީ ކުރަމުންނެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ އެމަނިކުފާންގެ މައްޗަށް ކުރެވުނު ޝަރީއަތާއި، އިސްތިއުނާފްގެ ކަންކަމާއި އެކަމަށް ސަރުކާރުން ދައްކަވާފައިވާ ވާހަކަތަކެވެ.

"މިނިވަން" ޕޮރިސެކިއުޓާރ ޖެނެރަލް ކުރެއްވި ދައުވާއަށް ކުރެވިފައިވާ ބޮޑެތި ތުހުމަތުތަކެވެ.

އޭގެ އިތުރުން ރައީސުލް ޖުމްހުރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގައި ހުންނަން ޖެހޭ ޝަރުޠުތަކުގެ ތެރެއަށް މިވަނީ "ޓެރަރިޒަމް ކުށް ސާބިތުވެފައިވާ މީހަކަށް" ކުރިމަތި ނުލެވޭނެ ގޮތަށް އިސްލާހެއް ހުށަހަޅާފައެވެ.
nasheed camaron

މިއީ ސީދާ ރައީސް ނަޝީދު އާއި މިހާރު ޓެރަރިޒަމް ދައުވާ އުފުލާފައިވާ ސިޔާސީ ފަރާތްތައް އެކަހެރިކޮށް ލުމަށް ހުށަހެޅުނު އިސްލާހެއް ކަމަށް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކަން މިހެން އޮތް އިރު މިހާރުގެ ގާނޫނު އަސާސީން ނަޝީދުއަށް ލިބިދޭ އެންމެ ފަހުގެ ފުރުސަތު ވެސް މިވަނީ ގެއްލެން ކައިރިވެފައެވެ.

ކުރީގެ ރައީސް ނަޝީދް.
ކުރީގެ ރައީސް ނަޝީދް.

އެއީ ރައީސުލް ޖުމްހުރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ޝަރުޠު ކަމަށް ގާނޫން އަސާސީގައި ބަޔާންކޮށްފައިވާ 109 މާއްދާގެ (ޅ). ގައި ބުނާ

" ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެހުކުން ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެހުކުމުން ކަޑައެޅުނު އަދަބު މަޢާފް ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައި ވުން"

އެ މުއްދަތު ނަޝީދަށް ގެއްލޭތީއެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުން ރައީސުލް ޖުމްހުރިއްޔާކަމަށް ކުރިމަތިލާ ފަރާތްތަކުގެ ނަން ރިއާސީ އިންތިހާބް ބާއްވާ އަހަރުގެ ޖުލައި 24 ވަނަ ދުވަހުގެ ކުރިން އާއްމު ކުރަން ޖެހެއެވެ.

އެހެންވެއްޖެ ނަމަ މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން ނަޝީދުއަށް މަޢާފް ނުލިބިއްޖެނަމަ 2018 ވަނަ އަހަރުގެ ޖުލައި 24 ވަނަ ދުވަހު ނަޝީދުގެ ނަން އިންތިހާބް ލިސްޓުގައި ނުހިމެނޭނެއެވެ.

އެމްޑީޕީ އާއި ސަރުކާރުން މަޝްވަރާ ފަށާފައިވާ އިރު އެމްޑީޕީގެ އެންމެ ބޮޑު ޑިމާންޑަކީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ލުއި ކުރުމެވެ. ނުވަތަ ނަޝީދުއަށް މައާފްކޮށް މުޅިން މިނިވަން ކުރުމެވެ.

ނަޝީދުއަށް ކެކްޑިޑެންސީ ގެއްލޭކަށް އެމްޑީޕީގެ އެއްވެސް މެމްބަރަކު ނޭދޭނެއެވެ. ހާއްސަކޮށް އެމްޑީޕީގެ ލިޑަރޝިޕް ގެ ބައެއް ބޭފުޅުން ނޭދޭނެއެެވެ.

މަޝްވަރާތަކުގައި ނަޝީދު މިނިވަން ނުވެއްޖެނަމަ އެމްޑީޕީން ޖެހޭނީ ދެވަނަ ވިސްނުމަކަށް ދާށެވެ. އެހެން ވެއްޖެ ނަމަ އޭގެ އަސަރު އިންތިހާބަށް ފޯރާނެއެވެ. އަދި މިހާރުގެ ސަރުކާރަށް އޭގެ ހޫނު ދިލަ ވަރަށް ބޮޑަށް އިހްސާސް ކުރަންޖެހޭނެއެވެ.