ހާލުގައި އުޅޭޭ މައިންނަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ މަމްސް ޖަމިއްޔާ އެކީ ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. އަދި މަމްސް އެއިޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ އޮފް އޮޕަރޭޝަންސް ފާތުމަތު ޒައިން ޒަރީރެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުޞަދަކީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 'ހާލު ކިހިނެއް؟' އަދި އިޖުތިމާޢީ ބަދަހި މަދަދުވެރިން، "އިބަމަ" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއެކު، އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމަށް ހެދޭ އިންޓަވެންޝަން ޕްލޭންތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަމްސް އެއިޑް އިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރާ މަސައްކަތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށް ދިނުމެވެ.
އަދި ރާއްޖޭގައި ގެވެށިއަނިޔާގެ މައްސަލަތައް ހުއްޓުވުމަށާއި، މައްސަލަތަކާ ގުޅިގެން އަނިޔާލިބޭ ފަރާތަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ކުރެވޭ މަސައްކަތްތަކުގައި މަމްސް އެއިޑްގެ ފަރާތުން މިނިސްޓްރީ އަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ވުޒާރާގެ މަސައްކަތްތަކާއި، ފޯރުކޮށް ދެމުން އަންނަ ޚިދުމަތްތަކާއި ގުޅޭ ގޮތުން ޖަމިއްޔާ އިން ކުރާ މަސައްކަތްތަކުގައި މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ފޯރުކޮށް ދިނުމަކީ ވެސް އެއްބަސްވުމުގެ ބޭނުމެކެވެ.
މީގެ އިތުރުން، ނާޒުކު ހާލަތްތަކުގައި ތިބި ޢާއިލާތަކާއި، ވަކި ފަރުދުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމާއެކު، އެ މީހުންނަކީ އަމިއްލަ މަސައްކަތުން އުޅޭނޭ ބަޔަކަށް ހެދުމަށް، މަމްސް އެއިޑްއިން ހިންގާ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތަކުގައި މިނިސްޓްރީން ބައިވެރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މަމްސް އެއިޑްއިން ފަހިކޮށް ދިނުމަށް އެއްބަސްވުމުގެ ދަށުން އެއްބަސްވެފައިވެ އެވެ.
އެއާއެކު، ގެވެށިއަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި މަމްސް އެއިޑްގެ ފަރާތުން އެހީތެރިކަން ފޯރުކޮށް ދިނުމުގެ އިތުރުން، މިފަދަ ޕްރޮގުރާމުތައް އާންމުންގެ މެދުގައި ޕްރޮމޯޓް ވެސް ކުރާނެ އެވެ.