Last Updated: May 12, 23:01
Monday, May 12, 2025
ޚަބަރު

ޓޫރިޒަމަށް 11 ރަށެއް ދޫކޮށްފި

މި ސަރުކާރު އައި ފަހުން ޓޫރިމަށް ހުޅުވައިލި 25 ރަށުގެ ތެރެއިން 11 ރަށެއް މިހާރު ދޫކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި އޭނަ ވިދާޅުވީ އެ ރަށްތަކަށް މިހާރު އެވޯޑު ލެޓާ ވެސް ހަވާލުކޮށްފައިވާ ކަމަށެވެ. ފައިސަލް ވިދާޅުވީ 11 ރަށުގެ އެ އިންވެސްޓްމަންޓަކީ ގާތްގަނޑަކަށް 385 މިލިޔަން ޑޮލަރު ކަމަށެވެ.

"ރަށްތައް ލިބުނު ފަރާތްތަކަށް އެވޯޑު ލެޓަރ ހަވާލުކޮށްފައިވާ އިރު، ބައެއް ތަންތަނުން މިހާރު ލާރިވެސް ދައްކައިފި،" އޭނަ ވދާޅުވި އެވެ. "އެންމެ ބޮޑު ހިތްހަމަ ޖެހުމަނީ ގިނައިން ރަށްތައް ނަގާފައި ހުރީ ދިވެހިންނަށް ކަމަށްވާތީ."

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މުޅި ރާއްޖެ އަށް ޓޫރިޒަމް ފުޅާކުރުން ކަމަށެވެ. އެގޮތުން ކޮންމެ އަތޮޅަކަށް ވަކިން މާސްޓަޕްލޭން ހަދައި އެ އަތޮޅެއްގައި ޓޫރިޒަމް ތަރައްޤީކުރުމަށް މާކެޓިންގެ ޕްލޭނެއް ވެސް އެކުލަވާލުވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ލޯކަލް ޓޫރިޒަމްގެ ތެރެއިންނާއި ރިސޯޓުތަކުން 4000-6000 ދެމެދުގެ އަދަދަކަށް އެނދު އުފައްދާ،" ފައިސަލް ވިދާޅުވި އެވެ. "އެތަންތަނަށް އެއާޕޯޓުތައް ގެންގޮސް، ޒުވާނުންނަށް ވަޒީފާތައް އުފެދިގެން ދާނެ."

ރާއްޖޭގައި މިހާރު 170 އަށް ވުރެ ގިނަ ރިސޯޓް ހިންގަމުން އަންނަ އިރު، އިގުތިސާދު ބިނާވެފައި އޮތީ ޓޫރިޒަމަށެވެ.