Last Updated: December 13, 22:19
Friday, December 13, 2024
ރިޕޯޓް

ދަތުރުމަތީގައި ސުންނަތްވެގެންވާ ނަމާދުތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه وسلم.

ދަތުރުމަތީގައި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަކީ ހަމައެކަނި ފުރުޟު ނަމާދުތައް ކުރުމެވެ. އަދި އެކަލޭގެފާނު ދަތުރު މަތީގައި ފަރުޟު ނަމާދުތަކުގެ ކުރިންނާއި ފަހުން ކުރާ (ރަވާތިބު) ސުންނަތްތައް ކުރެއްވިކަން ޘާބިތެއް ނުވެއެވެ. އެކަލޭގެފާނު ދަތުރުމަތީގައި ކުރެއްވި ސުންނަތް ނަމާދުތަކަކީ ވިތުރިއާއި ފަތިސް ނަމާދުގެ އިހު ސުންނަތެވެ. އެއީ ރަށުގައި ޤާއިމުވެ ހުންނަވާ އިރުގައިވެސް އަދި ދަތުރުމަތީގައިވެސް އެކަލޭގެފާނު ދޫނުކުރައްވާ ދެ ނަމާދެވެ.

މިކަމާ ބެހޭގޮތުން އިބްނު ޢުމަރު رضي الله عنهما އާ ސުވާލު ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ.

” صَحِبْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَلَمْ أَرَهُ يُسَبِّحُ فِي السَّفَرِ، وَقَالَ اللَّهُ جَلَّ ذِكْرُهُ: ﴿لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ﴾ [سورة الأحزاب: 21]” [رواه البخاري (1101) ومسلم 9 – (689)]

ﷲ ގެ ރަސޫލާ صلى الله عليه وسلم އާ އެކުގައި (ދަތުރުމަތީގައި) ތިމަންކަލޭގެފާނު އުޅުއްވީމެވެ. އެހެނަސް އެކަލޭގެފާނު ތަސްބީޙަ ކިޔުއްވާ ތަނެއް (އެބަހީ: ރަވާތިބު ސުންނަތް ކުރައްވާ ތަނެއް) ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަމެވެ. ﷲ عز وجل ވަޙީކުރެއްވިއެވެ.

﴿لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ﴾ [سورة الأحزاب: 21]

މާނައީ: “ހަމަކަށަވަރުން ﷲގެ ރަސޫލާގެ އަރިހުގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ.”

މި ޙަދީޘްގައި التسبيحގެ މުރާދަކީ: ރަވާތިބު ސުންނަތްތަކެވެ. ތަސްބީޙަ ކިޔުމުގެ ވާހަކައެއް ނޫނެވެ. އެކަން އެނގޭ ގޮތަކީ އެކަލޭގެފާނު ވަޑައިގެންނެވި ކޮންމެ ދިމާލަކަށް ސަވާރީގެ މަތީގައި އިންނަވައިގެން ތަސްބީޙަ ކިޔުއްވިކަން ވަނީ ޘާބިތުވެފައެވެ.

އަދި الصحيحين ގައި ވެއެވެ. އިބްނު ޢުމަރު رضي الله عنهما ވިދާޅުވިއެވެ.

«كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي فِي السَّفَرِ عَلَى رَاحِلَتِهِ، حَيْثُ تَوَجَّهَتْ بِهِ يُومِئُ إِيمَاءً صَلاَةَ اللَّيْلِ، إِلَّا الفَرَائِضَ وَيُوتِرُ عَلَى رَاحِلَتِهِ» [رواه البخاري (1000) ومسلم 39 – (700)]

މާނައީ: “ނަބިއްޔާ صلى الله عليه وسلم ދަތުރުގައި އުޅުއްވާއިރު ސަވާރީ މަތީގައި ރޭ އަޅުކަން ކުރައްވައެވެ. ފަރުޟު ނަމާދު ފިޔަވާ އެހެން ނަމާދުކުރައްވަނީ ސަވާރީ އެ ދާ ދިމާލަކަށެވެ. (ފަރުޟު ނަމާދުކުރައްވަން ވީމާ ސަވާރީ ހުއްޓާފައި ފައިބާވަޑައިގަންނަވައެވެ.) އަދި (ރުކޫޢާއި ސަޖިދަކުރައްވަނީ) އިޝާރާތުންނެވެ. (އެބަހީ: ރުކޫޢުގައި ކުޑަކޮށް ގުދުވެލާފައި ސަޖިދައިގައި އެއަށް ވުރެ ބޮޑަށް ތިރި ވެލަނީއެވެ.) ވިތުރި ނަމާދުވެސް ސަވާރީ މަތީގައި އެކަލޭގެފާނު ކުރައްވައެވެ.”

އިމާމު ޝާފިޢީ رحمه الله ވިދާޅުވިއެވެ.

ނަބިއްޔާ صلى الله عليه وسلم ޤަޞްރުކުރައްވާ ދަތުރުފުޅެއްގައިވެސް ރޭއަޅުކަން ކުރައްވާކަން ޘާބިތުވެފައި ވެއެވެ. الصحيحين ގައި ވެއެވެ. عامر بن ربيعة ގެ އަރިހުން ރިވާވެފައި ވެއެވެ. ދަތުރުމަތީ އުޅުއްވަމުން ނަބިއްޔާ صلى الله عليه وسلم ރޭގަނޑު السُّبْحَةَ ސަވާރީ މަތީގައި ކުރައްވާތަން އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ. [ބައްލަވާ: البخاري (1104) ومسلم 40 – (701)] އެއީ ރޭ އަޅުކަމުގެ ވާހަކައެވެ.

އަދި ދަތުރުމަތީގައި ސުންނަތް ނަމާދުކުރުމާ ބެހޭގޮތުން އިމާމު އަޙްމަދު رحمه الله އާ ސުވާލު ދެންނެވުނެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. ދަތުރުމަތީގައި ނަމާދުކުރުން އެއީ މައްސަލައެއް ނޫންކަމުގައި ތިމަން ކަލޭގެފާނު އުންމީދު ކުރައްވަމެވެ. އަދި އަލްޙަސަނުގެ އަރިހުން ރިވާވެފައިވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުން ދަތުރުކުރައްވާއިރުގައި އެބޭކަލުން ފަރުޟު ނަމާދުތަކުގެ ކުރިންނާއި ފަހުން ސުންނަތް ނަމާދުތައް ކުރައްވައެވެ. މިކަންވަނީ ޢުމަރުގެފާނާއި ޢަލީގެފާނާއި އިބްނު މަސްޢޫދާއި ޖާބިރުގެފާނާއި އަނަސްގެފާނާއި އިބްނު ޢައްބާސާ އަދި އަބޫ ޛައްރުގެ އަރިހުން ރިވާވެގެންނެވެ.

އެހެނަސް ފަރުޟު ނަމާދުގެ ކުރިންނާއި ފަހުން ކުރާ ސުންނަތް ނަމާދުތައް އިބްނު ޢުމަރު ނުކުރައްވައެވެ. އެކަލޭގެފާނު ކުރައްވަނީ ރޭ އަޅުކަމާއި ވިތުރިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުންވެސް ފެންނަން އޮތީ އެފަދައިންނެވެ. އެއީ ފަރުޟު ނަމާދު ޤަޞްރުކުރައްވާފައި އޭގެ ކުރިން ނުވަތަ ފަހުންވެސް އެއްވެސް ސުންނަތެއް ނުކުރެއްވުމެވެ. އެހެނަސް އޭގެ ކުރިން ނުވަތަ ފަހުން ސުންނަތް ކުރުން އެކަލޭގެފާނު ނަހީއެއް ނުކުރައްވައެވެ. އެއީ މުޠުލަޤުކޮށް ކުރާ ސުންނަތް ނަމާދުތައް ފަދަ ކަމެކެވެ. އެއީ ނަމާދާ އެކުގައިވާ ރަވާތިބު ސުންނަތެއް ގޮތަކަށް ނޫނެވެ. އެހެނަސް ޤަމަތުގެ ކުރިން ކުރާ ސުންނަތް ނަމާދު ފަދައިންނެވެ.

މިކަމަށް ބާރުދޭ އަނެއް ކަމަކީ ހަތަރު ރަކުޢަތުގެ ނަމާދުތައް އެވަނީ ދަތުރުމަތީގައި ދެ ރަކުޢަތަށް ބަދަލުކުރެވިފައެވެ. އެއީ ދަތުރުވެރިޔާއަށް ފަސޭޙަކުރުމުގެ ގޮތުންނެވެ. ދެން ފަރުޟު ނަމާދު ދެ ރަކުޢަތަށް ލުއިކުރެއްވުމަށް ފަހުގައި ދަތުރުމަތީގައިވެސް ދޫނުކޮށް ކުރާ ނަމާދެއްގެ ގޮތުގައި ރަވާތިބު ސުންނަތް ކުރާނީ ކިހިނަކުން ހެއްޔެވެ! ދަތުރުވެރިޔާއަށް ލުއިކުރުމުގެ ޤަޞްދު އެކަމުގައި ނުވާނަމަ ދަތުރުވެރިޔާއަށް ވެސް ނަމާދުތައް ފުރިހަމައަށް (ކުރުނުކޮށް) އަދާކުރުން އައުލާވީހެވެ. އެހެންކަމުން އިބްނު ޢުމަރު رضي الله عنهما ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނު (ދަތުރުމަތީގައި ރަވާތިބު) ސުންނަތް ކުރައްވާނަމަ (ފަރުޟު ނަމާދުތައް ޤަޞްރު ނުކޮށް) ފުރިހަމަ ކުރެއްވީމުހެވެ.” [رواه مسلم 8 – (689)]

އަދި އެކަލޭގެފާނު صلى الله عليه وسلم ފަތަޙައިގެ ދުވަހުގައި ޟުޙާ ނަމާދުގެ 8 ރަކުޢަތް ކުރެއްވިކަން ޘާބިތުވެއެވެ. އެކަލޭގެފާނު އޭރު ހުންނެވީ ދަތުރުވެރިއެއްގެ ގޮތުގައެވެ. [ބައްލަވާ: صحيح مسلم (71 – (336))]

އަބޫދާވޫދާއި ތިރްމިޛީ އެބޭކަލުންގެ ސުނަނުގައި: الليث، عن صفوان بن سليم، عن أبي بُسْرة الغفاري، عن البراء بن عازب މި ސަނަދުން ރިވާކުރައްވާފައިވާ ޙަދީޘްގައިވެއެވެ.

«صَحِبْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثَمَانِيَةَ عَشَرَ سَفَرًا، فَمَا رَأَيْتُهُ تَرَكَ الرَّكْعَتَيْنِ إِذَا زَاغَتِ الشَّمْسُ قَبْلَ الظُّهْرِ» [رواه أبو داود (1222) والترمذي (550) وقال الترمذي: هذا حديث غريب. قال: وسألت محمدا عنه، فلم يعرفه إلا من حديث الليث بن سعد، ولم يعرف اسم أبي بسرة ورآه حسنا، وضعفه الألباني في مشكاة المصابيح (1352)]

މާނައީ: “އަށާރަ ދަތުރެއްގައި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ތިމަންކަލޭގެފާނު ބައިވެރިވީމެވެ. އިރު މެދުން ފިލުވުން، މެންދުރު ނަމާދުގެ ކުރިން ކުރާ ދެ ރަކުޢަތް ނަމާދު އެކަލޭގެފާނު ދޫކޮށްލެއްވި ތަން ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމެވެ.”

އަދި ޢާއިޝާ رضي الله عنها ގެ އަރިހުން ވާރިދުވެފައިވާ ޙަދީޘާމެދު ދަންނައެވެ. އެކަމަނާ ވިދާޅުވިއެވެ.

«أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ لاَ يَدَعُ أَرْبَعًا قَبْلَ الظُّهْرِ، وَرَكْعَتَيْنِ قَبْلَ الغَدَاةِ» [رواه البخاري (1182)]

މާނައީ: “ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތާއި ފަތިސް ނަމާދު ކުރިން ދެ ރަކުޢަތް ކުރެއްވުން ދޫކޮށް ނުލައްވައެވެ.”

މިއީ ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައިވާ ޙަދީޘެކެވެ. އެހެނަސް މިއީ އެކަލޭގެފާނު ދަތުރުފުޅު މަތީގައި ޢަމުލުކުރެއްވި ގޮތްކަމެއް ޞަރިޙަކޮށް އެނގޭކަށް ނެތެވެ. ފަހަރުގައި އެކަމަނާ އެ ބަޔާންކޮށްދެއްވީ އެކަލޭގެފާނުގެ ޢާންމު ޙާލަތުގައި ކަންތައް ކުރައްވާ ގޮތެވެ. އެއީ ޤާއިމުވެ ހުންނަ އިރުގައެވެ. އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނަށް ވުރެ ފިރިހެން ޞަޙާބީ ބޭކަލުންނަށް އެކަލޭގެފާނު ދަތުރުފުޅު މަތީގައި ޢަމަލު ބެހެއްޓެވި ގޮތް އެނގިވަޑައިގަންނަވައެވެ. އިބްނު ޢުމަރު ބަޔާންކުރައްވާފައިވަނީ އެކަލޭގެފާނު (ފަރުޟުނަމާދުގެ) ދެ ރަކުޢަތަށް ވުރެ އިތުރަށް ނުކުރައްވާ ކަމުގައެވެ. އަދި އިބްނު ޢުމަރުވެސް އޭގެ ކުރިންނާއި ފަހުން (ރަވާތިބު ނަމާދުތައް) ނުކުރައްވައެވެ. والله أعلم.

[زاد المعاد لابن القيم (1 / 458)]

ޚުލާޞާ:

– ދަތުރުމަތީގައި އުޅޭއިރުގައި ކުރުން ސުންނަތް ނަމާދުތަކަކީ: ފަތިސް ނަމާދުގެ އިހު ސުންނަތާއި ދަމުނަމާދާއި ވިތުރިއާއި ސަބަބީ ނަމާދުތަކެވެ. (މިސާލަކަށް: ޠަވާފަށް ފަހުގައި ކުރާ ދެ ރަކުޢަތް އަދި ވުޟޫކޮށްފައި ކުރާ ދެ ރަކުޢަތް ފަދަ ސަބަބެއް މެދުވެރިވެގެން ކުރާ ނަމާދުތަކެވެ.)

– ދަތުރު މަތީގައި އުޅޭ އިރުގައި ރަވާތިބު ސުންނަތް ކުރުމާ މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާވެއް ވެއެވެ. މި ލިޔުމުގައި ގެނެސްދީފައި މިވަނީ އިބްނުލް ޤައްޔިމު މިކަމާ މެދު ލިޔުއްވާފައިވާ ބަޙުޘެއްގެ ތަރުޖަމާއެކެވެ. ދަލީލުތަކުގެ ޢަލީގައި އެކަލޭގެފާނު އެކަމުގައި ބުރަވެވަޑައިގެންފައިވަނީ ސުންނަތް ގޮތަކީ ފަތިސް ނަމާދުގެ އިހު ސުންނަތް ފިޔަވާ އެހެން އެއްވެސް ރަވާތިބު ސުންނަތެއް ދަތުރު މަތީގައި ނުކުރުމެވެ.

– ވިތުރި ނަމާދާއި ރޭ އަޅުކަމާއި އަދި ޟުޙާ ނަމާދު ދަތުރުމަތީގައިވެސް ކުރުމަކީ ސުންނަތެއްކަން ބަޔާންވާ ދަލީލުތައް މި ލިޔުމުގައި ބަޔާންވެ ހިނގައްޖެއެވެ. އޭގެ އިތުރަށް ފަތިސް ނަމާދުގެ އިހު ސުންނަތް ކުރުން ޘާބިތުވާ ދަލީލަކީ ނަބިއްޔާ صلى الله عليه وسلم އާއި ޞަޙާބީ ބޭކަލުންނަށް ދަތުރެއްގެ މަތީގައި އުޅުއްވަނިކޮށް، އިރު އެރުމަށް ފަހު ފަތިސް ނަމާދު ކުރެއްވި އިރު އެބޭކަލުން ފުރަތަމަ ފަތިސް ނަމާދުގެ ސުންނަތް ކުރައްވާފައިވާ ދެން ފަތިސް ނަމާދު ކުރެއްވުމުންނެވެ. [ބައްލަވާ: سنن أبي داود (437) وصحيح أبي داود (465)]

– ދަތުރު މަތީގައި ރަވާތިބު ސުންނަތް އެކަލޭގެފާނު ނުކުރައްވާކަން ބަޔާންކޮށްދޭ އެހެން ޙަދީޘްތައްވެސް ވެއެވެ. އޭގެ ތެރޭގައި އެކަލޭގެފާނު ޙައްޖުކުރެއްވި އަހަރުގައިވެސް އެކަން ބަޔާންކޮށްދޭ ރިވާޔަތްތަކުގައި އެކަލޭގެފާނު ޢަރަފާތު ބިމުގައި މެންދުރު ނަމާދާއި ޢަޞުރު ނަމާދު ކުރެއްވި އިރު އެއްވެސް ރަވާތިބު ސުންނަތެއް ނުކުރައްވާކަން އެނގެއެވެ. އަދި އެ ރިވާޔަތުގައި ޖާބިރުގެފާނު ޞަރީޙަކޮށް ވިދާޅުވެފައިވަނީ މެންދުރު ނަމާދާއި ޢަޞުރު ނަމާދުގެ ދެމެދުގައި އެއްވެސް އިތުރު ނަމާދެއް އެކަލޭގެފާނު ނުކުރައްވާކަމަށެވެ. [ބައްލަވާ: صحيح مسلم 147 – (1218)] އަދި މުޒްދަލިފާގައި މަޣްރިބު ނަމާދާއި ޢިޝާ ނަމާދު އެކަލޭގެފާނު ޖަމްޢުކުރެއްވި އިރުވެސް އެ ދެމެދުގައި އެއްވެސް ސުންނަތް ނަމާދެއް ނުކުރައްވާކަމުގައި އިބްނު ޢުމަރުވެސް ވިދާޅުވެފައި ވެއެވެ. [ބައްލަވާ: صحيح البخاري (1673)]

މަސްދަރު: ދިސަލަފިއްޔާ