Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

މޫސަގެ ރަށްތައް ވިއްކައިލުން މަޑުޖައްސަން އަމުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ހެވީ ލޯޑު ކުންފުނިން ނެގި ލޯނެއްގެ ފައިސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ނުދައްކައިގެ އެ ކުންފުނީގެ ނަމުގައި އޮތް ތިން ރަށެއް ވިއްކަން ސިވިލް ކޯޓުން ބޭންކަށް ހުއްދަ ދީފައި އޮތް ގޮތަށް އެ ރަށްތައް ނީލަންކިޔުން މަޑުޖައްސައިލަން ހައިކޯޓުން އަމުރުކޮށްފި އެވެ.

އެ ތިން ރަށަކީ މޫސަ 2016 ގައި ބީއެމްއެލް އިން ނެގި 11 މިލިއަން ޑޮލަރުގެ ލޯނެއް އަނބުރާ ނުދެއްކުމާ ގުޅިގެން 2020 ނަްއި ކޯޓަށް ހުށަހެޅި މައްސަލައެއްގައި ސިވިލް ކޯޓުން އެ ރަށްތަކުގެ ހެޑް ލީސް ވިއްކައިލުމަށް ހުއްދަ ދީފައިވާ ތިން ރަށެވެ.

އެ ތިން ރަށް ވިއްކުމަށް ބީއެމްއެލްއިން ހުޅުވާލާފައިވަނީ ދެ ގޮތަކަށެވެ.

* އެގޮތުން ލ.ފަރެ، ލ. ކުޑަފަރެސް އަދި ލ. ބޮޑުހުރާ އެއްކޮށް 23،262،000 (ތޭވީސް މިލިއަން ދެލައްކަ ފަސްދޮޅަސް ދެހާސް) ޑޮލަރަށްވުރެ ބޮޑު އަގެއްގަައި ގަތުން

* ހ. ފަރެސް އަދި ކުޑަ ފަރެސް ވަކިން އެންމެ ކުޑަވެގެން 23،262،000 (ތޭވީސް މިލިއަން ދެލައްކަ ފަސްދޮޅަސް ދެހާސް) ޑޮލަރަށް ގަތުން

* ށ. ބޮޑުހުރާ ވަކިން 23،262،000 (ތޭވީސް މިލިއަން ދެލައްކަ ފަސްދޮޅަސް ދެހާސް) ޑޮލަރަށް ގަތުން
މި ރަށްތަކުގެ ތެރެއިން ކުޑަފަރެހާއި ބޮޑު ފަރެސް އެއްކޮށްލައިގެން ހަދާފައި އޮންނަނީ ރަސްގެރަހާ ރިސޯޓެވެ.

މި ރަށްތައް ނީލަން ކިޔާފައި ވަނިކޮށް ސިވިލް ކޯޓުން އެ ރަށްތައް ނީލަން ކިޔަން ބޭންކަށް ހުއްދަދީ ނިންމި މައްސަލަ ހެވީ ލޯޑުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމާ ގުޅިގެން އެ ކޯޓުން މިއަދު ވަނީ ރަށްތައް ވިއްކުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ބުނީ ކޯޓުން ބޭންކަށް ދިން ހުއްދައާ އެއްގޮތަށް އަމަލުކުރުން މަޑުޖައްސައިލަނީ ހެވީ ލޯޑުން ހައިކޯޓަށް ހުށަހެޅި މައްސަލާގައި ގޮތެއް ނިމެންދެން ކަމަށެވެ.

އަމުރުގައި ފާހަގަކޮށްގައިވާ ގޮތުގައި އެ މައްސަލާގައި ހެވީ ލޯޑުން ހައި ކޯޓުގައި ފާހަގަކުރާ އެއް ނުކުތާއަކީ އެ ރަށްތައް ވިއްކައިލުމަށް ސިވިލް ކޯޓުން ހުއްދަ ދިނީ ރަށްތަކުގެ އަގުކުރުމާ ނުލަ އެވެ. އެހެންވެ މައްސަލަ ނުނިމެނީސް ރަށްތައް ވިއްކައިފި ނަމަ އެ މައްސަލައަށް އަސަރުކުރާނެ ކަމަށް އަމުރުގައިވެ އެވެ.