ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހޮލާފަށް ވަދެ އުޅުނު ސްރީ ލަންކާގެ މަސްބޯޓަކުން 468.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މި ބޯޓު މިއަދު އަތުލައިގަތީ ހދ. މަކުނުދޫ ބޭރުން އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ސިފައިންނެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވީ މަސްތުވާތަކެތީގެ މިމައްސަލަ ފުލުހުންނަށް އެމްއެންޑީއެފް އިން ރިޕޯޓް ކުރީ ރޭ ދަންވަރު 12:45 ހާއިރު ކަމަށެވެ. ސީޕީ ވިދާޅުވި ގޮތުގައި އެ ބޯޓު މިހާރު އޮތީ ހދ. ކުޅުދުއްފުށި ބަނދަރުގަ އެވެ.
ބޯޓުގައި ތިބި ފަސް ފިރިހެނުންނަކީ ވެސް ލަންކާގެ މީހުންނެވެ.
ބޯޓުގައި ހުރި މަސްތުވާތަކެތީގެ ޕްރެލިމިނަރީ ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުން 344 ކިލޯއަކީ މެތު އަދި 124.6 ކިލޯ އަކީ ކޮކެއިން ކަމަށް ސީޕީ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި އަތުލައިގެން މަސްތުވާތަކެތީގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
މިމައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާތީ ބޯޓުގައި ހުރި މަސްތުވާތަކެއްޗާއި އެއްވެސް ދިވެއްސަކާ ގުޅުމެއްވާކަން ތަހުގީގުގެ މި މަރުހަލާގައި އަދި ދަންނަވަން ދަތި ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.