Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ގޮނޑި ގެއްލޭ މައްސަލައަށް އެމްޑީޕީ އާއި ޑިމޮކްރެޓުން ވަންނަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލްވުމަށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އަލީ ހުސައިން އެވެ.

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އިން ތުހުމަތު ކުރާ ގޮތުގައި ގާނޫނުއަސާސީ އަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީގެ ބައެއް މާއްދާތަކާއި ހިލާފަށް ގެނައި އިސްލާހެކެވެ. އަދި މިއީ ވަކި ސިޔާސީ ޕާޓީއެއްގެ އަތްމައްޗަށް ދައުލަތުގެ ހުރިހާ ބާރުތަކެއް ނެގުމަށް ފުރުސަތު ހޯދުމަށް ގެނައި އިސްލާހެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވަމުން އަލީ ހުސެއިން ވިދާޅުވީ ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާ އާއި އަށްވަނަ މާއްދާ އާއި 26 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އަދި އެއީ، ގާނޫނުއަސާސީގެ އަސާސީ އޮނނިގަނޑާ ވެސް ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން ހުށަހެޅީ މިދިޔަ ބުދަ ދުވަހެވެ. ހަމަ އެ ދުވަހު އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް، އެ ދުވަހުގެ ހަވީރު ތަޅުމުން ފާސްކޮށްފައިވެ އެވެ. އަދި އެ ދުވަހުގެ އިރާކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގު ކުރައްވައިފަ އެވެ.

މިިކަމާ ގުޅިގެން މިހާރު ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.