Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ކަންބޮޑުވުންތައް އަޑުއަހަން ޝާހިދު ޓެކްސީ ޑްރައިވަރުންގެ ގާތަށް

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކުގެ އަޑުއަހަން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކޮށްފި އެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާއި ގުޅިގެން ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވަމުން އަންނަ ދަތިތަކުގެ ކަންބޮޑުވުންތައް އެ ފަރާތްތަކުން ވަނީ ޝާހިދާއި ހިއްސާކޮށްފަ އެވެ.

މާލެ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފު ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޒަމާނަށް ފެތޭ، ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަކީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް ހައްލެއް ހޯދަން ފެށި "މާލެ ފަހި" ޕްރޮގްރާމްގައި ހިމެނޭ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ހަވާލުކުރަން ނިންމާފައިވަނީ ސަރުކާރު ކުންފުންޏަކާ ކަމަށާއި މި މަސައްކަތް ކުރަން އެންމެ ރަނގަޅު އެއް ބަޔަކީ އެމްޓީސީސީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މިކަން ރަސްމީކޮށް ކުންފުންޏަކާއި ހަވާލުކޮށް ކުރިއަށް އޮތް ދެ ހަފްތާތެރޭ އިއުލާން ކުރާނެ ކަމަށް އަމީން ވިދާޅުވި އެވެ.

ޓެކްސީ ލައިންގެ ހިދުމަތް ކުރިއަށް ގެންދަން ރޭވިފައިވަނީ އާރްޓީއެލް ބަސް ކޮންސެޕްޓަށް ކަމަށާއި މި ހިދުމަތުގައި މަސައްކަތް ކުރާ 50 ޕަސެންޓް ޓެކްސީ ޑްރައިވަރުން ވެގެންދާނީ ދާއީމީ މުވައްޒަފުންނަށް ކަމަށެވެ. ބާކީ 50 ޕަސެންޓް ދޫކުރާނީ ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އެކި ވަރަށް ޓެކްސީ ދުއްވަން ބޭނުންވާ ފަރާތްތަކަށް ކަމަށް އަމީން ވިދާޅުވި އެވެ.

މި ހިދުމަތުގައި ޓެކްސީ ދުއްވޭނީ މުޅިން ވެސް ދިވެހިންނަށް ކަމަށާއި ޓެކްސީ ޑްރައިވަރުންނަށް ހާއްސަ ޑްރެސްކޯޑެއް ވެސް ހަމަޖައްސާފައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި މި ހިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮންމެ 7 ދުވަހަކުން މުސާރަ ދެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާނެ ވެސް އަމީން ވިދާޅުވި އެވެ.