Last Updated: May 15, 13:56
Thursday, May 15, 2025
ޚަބަރު

ފިއުލް ފާމް ތިލަފުއްޓަށް ބަދަލު ކުރަނީ

މާލެ ކައިރީގައި އޮތް ފުނަދޫގައި ގާއިމުކޮށްފައި އޮތް އެސްޓީއޯގެ ފިއުލް ފާމް ތިލަފުއްޓަށް ބަދަލުކުރަން ނިންމައި، އެތަން ޑިޒައިނިން ފަށާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި އޭނަ ރޭ ވިދާޅުވީ ތިލަފުށިން އެކަމަށް ހެޔޮވަރުގެ ބިމެއް ލިބޭނެކަމުގެ އުފާވެރި ޚަބަރު އޮތީ ލިބިފައި ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެންގެ އަމާޒަކީ ވީހާ ވެސް އަވަހަކަށް ތިލަފުށީގައި ރަނގަޅު ސްޓޯރޭޖެއް ގާއިމުކޮށް ރާއްޖެއަށް ބޭނުންވާ ތެލަށް ބަލާފައި ރަނގަޅު ސައިޒެއްގެ ސްޓޯރޭޖުތަކެއް ގާއިމުކުރުން." ޝިމާދު ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި ރާއްޖޭގެ ތެލުގެ ޑިމާންޑް މިހާރު އޮތް ނިސްބަތަށް ބަލާ އިރު، ފުނަދޫގެ ޖާގަ މިހާރު ކުޑަ ކަމަށެވެ.

ޝިމާދު ވިދާޅުވޮ ގޮތުގައި ފިއުލް ފާމް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ކޮންސަލްޓެންޓެއް ނަގައިގެން، ކޮންސެޕްޓާއި ޑިޒައިން އަދި މުޅި މަޝްރޫއުގެ އަގު ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ވެސް ވަރަށް އަވަހަށް ބީލަމަށް ލާނެ އެވެ.

އެސްޓީއޯ އިން އަންދާޒާކޮށްފައިވާ ގޮތުން މަޝްރޫއު ނިންމަން 18-24 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ އެވެ.

ޝިމާދު ވޮދާޅުވީ ތިލަފުށީގައި ފިއުލް ފާމު ގާއިމު ކުރުމުން، ތެޔޮ ރައްކާކުރެވޭ މިންވަރު އިތުރުވުމާ އެކީ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ވެސް އަންނާނެ އެވެ.

ފުނަދޫ ފިއުލް ފާމް މި ސަރުކާރުން ފުރަތަމަ ބަދަލު ކުރަން ޕްލޭންކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދީފައި އޮތް ކ. މާގިރިފަޅު ހިއްކައިގެން އެތަނުގަ އެވެ.