Last Updated: July 26, 13:47
Sunday, July 26, 2026
ޚަބަރު

ކުޅުދުއްފުށީގައި ރަޖިސްޓްރީ ނުކުރާ ގޯތިތަކަށް މުހުލަތެއް

ރާއްޖޭގެ އުތުރުގެ ސިޓީ ކަމަށްވާ ކުޅުދުއްފުށީގެ ބަންޑާރަ ގޯތިތަކުގެ ތެރެއިން، ރަޖިސްޓްރީ ނުކޮށް ހުރި ގޯތިތައް ރަޖިސްޓްރީކުރަން ކައުންސިލުން މުހުލަތެއް ދީފި އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނެރުނު ނެރުނު ދެންނެވުމެއްގައި ބުނީބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން ވެރިފަރާތް ނިޔާވެފައިވާ ގޯތިތަކުގެ ތަރިކަ މައްސަލަ ހަ މަސްދުވަހުގެ ތެރޭގައި ޝަރުއީ ކޯޓަކަށް ހުށަހެޅުމަށް އަންގާ ކަމަށެވެ. އަދި ބަންޑާރަ ގޯތީގެ ގޮތުގައި ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ރަޖިސްޓަރީ ނުކޮށް ހުރި ގޯތިތަކާއި ތަރިކަ މައްސަލަ ނިމިފައި ރަޖިސްޓަރ ނުކޮށް ހުރި ގޯތިތައް ރަޖިސްޓަރީ ކުރުމަށް ތިން މަސް ދުވަސްތެރޭގައި ކައުންސިލުގެ އިދާރާއަށް ހުށަހެޅުމަށް އަންގާ ކަމަށެވެ.

ކައުންސިލުން ބުނީ އެ އެންގުމާ އެއްގޮތަށް އަމަލު ނުކުރާ ފަރާތްތަކާއި ފަޅުގޯތިތަކުގެ ތެރެއިން ސާފުތާހިރުކަން ބެލެހެއްޓުމަށް ކައުންސިލުން ތަކުރާރުކޮށް އެންގުމުން ވެސް އިޖާބަ ނުދޭ ފަރާތްތަކުގެ ގޯތިތައް ދައުލަތަށް ނެގުމަށްޓަކައި ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރަމުން ދާނެ ކަމަށެވެ.