ރަންބީރް ކަޕޫރާއި ވިކީ ކޯޝަލް ބަތަލުންނަށް ލައިގެން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މިހާރު ހަދަމުން އަންނަ ފިލްމު "ލަވް އެންޑް ވޯ" ގައި ޝާހްރުކް ޚާންގެ ވަރަށް ހާއްސަ ފެނިލުމެއް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އޭނަގެ ވަރަށް މުހިއްމު ކެރެކްޓާއެއް ފިލްމުގެ އިންޓަވަލްގެ ފަހުން ފެންނާނެ ކަމަށާއި މިއީ ފިލްމުގެ ވާހަކައިގެ ވަރަށް މުހިއްމު ހިއްސާއެއް ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން "ލަވް އެންޑް ވޯ" ގެ އެ ކެމިއޯ އަށް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ޝާހްރުކް ޝޫޓްކުރާނެ އެވެ.
މި ފިލްމު ވާނީ ބަންސާލީގެ އުފެއްދުމެއްގައި އޭނަ ހިއްސާވާ ދެވަނަ ފަހަރަށެވެ. ބަންސާލީގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 2002 ގެ "ދޭވްދާސް" ގެ ބަތަލަކީ ޝާހްރުކެވެ. އެ ފިލްމުގެ ބަތަލާއިންނަކީ އައިޝްވާރިއާ ރާއީ އާއި މަދޫރީ ޑިކްސިޓެވެ.

ބަންސާލީގެ އާ ފިލްމު "ލަވް އެންޑް ވޯ" ރަންބީރާއި ވިކީއާ އެކީ ހަދާ އިރު، މީގެ ބަތަލާ އަކީ އާލިއާ ބަޓެވެ. ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ އާލިއާއާ އެކީ 2022 ގައި ގެނެސްދިން "ގަންގޫބާއީ ކަތިއަވާޅީ" އެވެ.
"ލަވް އެންޑް ވޯ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މާޗް 20، 2026 ގަ އެވެ.