ހަނގުރާމަވެރި ހަތިޔާރު ގެންގުޅު ކަމުގެ ކުށުގައި 11 އަހަރަށް ޖަލަށް ލެވިފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ފަރުވާ ދިނުމަށް އައިޖީއެމްޗަށް ގެނައުމަށް ފަހު އެނބުރި އައްސޭރި ޖަލަށް ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމް އައިޖީއެމްޗް ހޮސްޕިޓަލަށް ގެނެސްފައިވަނީ އެމަނިކުފާންގެ ލޮލުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމަށާއި، ޓެސްޓް ހެދުމަށެވެ.
ނާޒިމް ހޮސްޕިޓަލަށް ގެނައި ވަގުތު އެސަހަރައްދަށް ދިޔަ އާއިލާގެ މީހުންނާއި، ރައްޓެހިންނަށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ.

ނާޒިމް ހޮސްޕިޓަލަށް ގެނައި ވަގުތު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އާއި އެމަނިކުފާންއަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ހޮސްޕިޓަލަށް ގޮސްފައެވެ.
ނާޒިމްގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުގައި މަޑު ޖައްސާފައިވާތީ އާއިލާއިން ވަނީ އެމަނިކުފާން ގޭ ބަންދަށް ބަދަލު ކުރުމަށް ހޯމް މިނިސްޓްރީގައި އެދިފައެވެ.
ނާޒިމް އަކީ ރައީސް ވަހީދުގެ ސަރުކާރާއި މި ސަރުކާރުގައި ހީވާގި ކަމާއި އެކު މަސައްކަތް ކުރެއްވި ގިނަ ރައްޔިތުންގެ ލޯބި ހޯދާފައިވާ ފަރާތްތެކެވެ.
އެމަނިކުފާން "ފްރޭމް" ކުރެވި ޖަލަށް ލެވިފައިވާ ކަމަށް ރާއްޖޭގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.