Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

އެމްއެންޔޫގެ ސްކޮލަޝިޕް އިތުރު 11 ދަރިވަރަކަށް

ގައުމީ ޔުނިވާސިޓީން މި އަހަރުގެ ދެވަނަ ޓާމުގައި ހުޅުވާލި ސްކޮލަޝިޕް ސްކީމުގެ ދަށުން 11 ދަރިވަރަކަށް ސްކޮލަޝިޕް ދީފި އެވެ.

އިއްޔެ މި ސްކޮލަޝިޕްތައް ހަވާލުކޮށްފައި ވަނީ ދެވަނަ ޓާމުގައި އަލަށް ކުރިމަތިލި ކުދިންގެ ތެރެއިން ތިން ގިންތިއަކުންނެވެ. އެގޮތުން ޖުމްލަ 24 ފުރުސަތު ހިމެނޭ މި ސްކީމުގެ ދަށުން ތިން ގިންތިއަކުން ސްކޮލަޝިޕް ހާސިލްކުރީ މެރިޓް އުސޫލުން 10 ދަރިވަރަކަށާއި ޝަހީދު އެވޯޑު ސްކީމުގެ ދަށުން އެއް ދަރިވަރެކެވެ.

އެމްއެންޔޫއިން ބުނީ މި ސްކީމުގައި ހިމެނެނީ ޓިއުޝަން ފީ ހިލޭ ސްކޮލަޝިޕާއި އަންޑަގްރެޖުއޭޓެޑް ސްކޮލަޝިޕްގެ އިތުރުން ޕޯސްޓް-ގްރެޖުއޭޓް ސްކޮލަޝިޕް ކަމަށެވެ.

ޓިއުޝަން ފީ ހިލޭ ސްކޮލަޝިޕް ސްކީމަށް މި ސެމިސްޓާގައި 20 ފުރުސަތަށް 51 ދަރިވަަރަކު ކުރިމަތިލި އިރު، އަންޑަގްރެޖުއޭޓް ފުލް ސްކޮލަޝިޕް ސްކީމަށް ހުޅުވާލި ދެ ފުރުސަތަށް އެދި 33 ދަރިވަރަކު ހުށަހެޅި އެވެ. ޕޯސްޓް ގްރެޖުއޭޓް ފުލް ސްކޮލަޝިޕް ސްކީމްގެ ދަށުން ދެ ފުރުސަތަށް 15 ދަރިވަރަކު ހުށަހެޅި އިރު، ޝަހީދު އެވޯޑު ސްކީމުން ހުޅުވާލީ ހަތަރު ފުރުސަތަށް ތިން ދަރިވަރަކު ހުށަހެޅި އެވެ.

މި ސްކޮލަޝިޕް ސްކީމަކީ ގައުމީ ޔުނިވާސިޓީގެ ކައުންސިލުން ތައާރަފުކުރި ސްކީމެކެވެ. މި ސްކީމުގެ ދަށުން ސްކޮލަޝިޕަށް ޚަރަދު ހަމަޖައްސަނީ ޔުނިވސިޓީގެ އާމްދަނީންނެވެ. ކަމަށެވެ.