Last Updated: May 15, 13:56
Thursday, May 15, 2025
ޚަބަރު

'އޮޅު ހިޔާ' އަށް ބުޅާ ނުގެންދާތީ ކަންބޮޑުވެއްޖެ

މި މަހުގެ ކުރީކޮޅު ހުޅުމާލޭގައި ހުޅުވި "އޮޅު ހިޔާ" ފެސިލިޓީ އަށް މިހާތަނަށް މާލޭގެ މަތިން ބުޅާތައް ނަގައިގެން ފެސިލިޓީ އަށް ގެންގޮސްފައި ނުވާ ކަމަށް ދިރާތަކެއްޗާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން މިއަދު މި ވަނީ އެ މަސައްކަތް ހަވާލުކޮށްފައި އޮތް މާލެ ސިޓީ ކައުންސިލާ އެކީ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. މިނިސްޓްރީން ބުނީ "އޮޅު ހިޔާ" ހުޅުވި ފަހުން މިހާތަނަށް މަގުމަތީގައި އުޅޭ ބުޅާތައް ފެސިލިޓީއެއް ގެންދިއުމުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

އެހެންވެ ކައުންސިލާ މިނިސްޓްރީން ބައްދަލުކުރީ އެކަމާ ގުޅޭ މައުލޫމާތުތައް ހޯދާށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބުޅާތަކަށް ހާއްސަކޮށްގެން "އޮޅު ހިޔާ" ގެ ނަމުގައި ފެސިލިޓީއެއް ހުޅުވީ މާލޭގެ މަގުތަކުގައި ބުޅާތައް ގިނަ، އެކަމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލެއް ގެނެސް ބުޅާތައް ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.

"އޮޅު ހިޔާ" ހުޅުވި ދުވަހު ބުނެފައި ވަނީ މަގުތަކުން ބުޅާތައް ނަގައި ވަރަށް އަވަހަށް ފެސިލިޓީ އަށް ގެންދާނެ ކަމަށެވެ. އެތަން ހުޅުވީ މި މަހުގެ 2 ގަ އެވެ.

ކައުންސިލުން ދާދި ފަހުން ވަނީ ފެސިލިޓީ އަށް ބޭނުންވާ ބުޅާ ކާނާ ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން އިއުލާންކުރި އިރު، މިހާރު ވެސް އެތަނަށް ބޭނުންވާ ބައެއް އިކްޕްމަންޓްތައް ހޯދަން އޮތީ ބީލަމަށް ހުޅުވާލައިފަ އެވެ.