Last Updated: July 29, 13:58
Tuesday, July 29, 2025
ޚަބަރު

އިޒްރޭލު ޕާސްޕޯޓް މަނާކުރަން ނާޒިމް ތާއީދެއް ނޫން!

އިޒްރޭލް ޕާސްޕޯޓް މަނާކުރަން އަވަސް އަރުވައިލަން ނުޖެހޭ ކަމަށާއި ވަކި ގައުމެއްގެ ޕާސްޕޯޓް މަނާކުރުމަކީ ގަބޫލުކުރައްވާ ކަމެއް ވެސް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ރާއްޖެ އަކީ އިގުތިސާދީ ގޮތުން އެހެން ގައުމުތަކަށް ބަރޯސާވާ ގައުމަކަށްވާތީ، ވަކި ގައުމެއްގެ ޕާސްޕޯޓް މަނާކުރަން އުޅުމަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ކުއްލި ކުއްލިއަށް މިހެން ކަންކަން ނިންމާލުމަކީ ރަނގަޅު ކަމަކަށް ނުވާނެ،" ނާޒިމް ވިދާޅުވި އެވެ. "އަދި ހާއްސަ ގޮތެއްގައި މިހާރު ހިނގަމުންދާ މައްސަލައިގެ ތެރޭގައި އަޅުގަނޑުމެން ހަމަ ކޮންމެހެން ވަކި ގައުމެއްގެ ޕާސްޕޯޓް މަނާކުރަން އުޅުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑެއް ނުދެކެން."

އޭނަ ވިދާޅުވީ، ރަނގަޅު ގޮތަކަށް ވާނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެ މަޝްވަރާތަކުގެ އަލީގައި އިޒްރޭލް ޕާސްޕޯޓް މަނާކުރުން ކަމަށެވެ. އެހެންވެ އެކަން އަވަސް އަރުވާލައިގެން ކޮންމެހެން ކުރަން ނުޖެހޭ ކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ރާއްޖެ ދެކޮޅު ނަމަވެސް އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ކުރިން އެކަމުގެ ސަބަބުން ރާއްޖެއަށް ލިބޭނީ ކޮންކަހަލަ ގެއްލުމެއްތޯ ބަލަން ޖެހޭ ކަމަށެވެ. އެގޮތުން އެހެން ކަމެއްގެ ވާހަކަ ދެކެވެން ވާނީ ވެސް ފުރަތަމަ ރާއްޖޭގެ ރައްޔިތުން ސަލާމަތުން ތިބެފައި ކަމަށް ވިދާޅުވި ްއެވެ.

"ރާއްޖޭގައި އޮތީ ފަތުރުވެރިކަން އެކަނި،" ނާޒިމް ވިދާޅުވި އެވެ. "ފަތުރުވެރިކަމަށް އަސަރު ކުރާނެ އެއްވެސް ކަމެއް އަޅުގަނޑުމެން ކުރާކަށް ނުވާނެ."

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އެ ބިލް ކޮމިޓީގައި އެޖެންޑާކޮށްފައި އޮންނަތާ ފަސް މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އިއްުޔެ ވަނީ ބިލުގެ ކޮމިޓީ މަރުހަލާ އަވަސް ކުރަން ފާސްކޮށްފަ އެވެ.

އިޒްރޭލު ޕާސްޕޯޓް މަނާކުރުން ލަސްކުރާތީ އިދިކޮޅު އެމްޑީޕީ އާއި ގިނަ އާންމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.